ރާއްޖެއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ގެންނަ ތޯމަސް ކޫކް ބަނގުރޫޓުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ތޯމަސް ކޫކް އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކޮށް ދީފައެވެ.

ތޯމަސް ކޫކް އަކީ ޓުއަރ އޮޕަރޭޓަރެއްގެ އިތުރުން، އެއާލައިން ހިންގާ ކުންފުންޏެކެވެ.

ތޯމަސް ކޫކް ބަނގުރޫޓުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 600،000 ފަތުރުވެރިން ވަނީ ތާށިވެފައެވެ. ބައެއް ގައުމުތަކުގެ ހޮޓާތަކުން ފަތުރުވެރިން ނުކުންނަން މަސައްކަތް ކުރުމުން ހިފަހައްޓާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްކައި ނިއުސް އިން ބުނީ، ޓުނީޝިއާގެ ހޮޓާތަކުގައި ގިނަ އަދަދެއްްގެ ފަތުރުވެރިން ހިފަހައްޓާފައިވާކަމަށް އެ މީހުން ބުނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރަހީނު ކޮށްފައި،ފައިސާ ނުދައްކަނީސް ހޮޓަލުން ނުނިކުމެވޭނެ ކަމަށް ބުނީ"،

ތޯމަސް ކޫކްގެ ދަށުން ހުރިހާ ދަތުރު ކުރާ ހުރިހާ ފަތުރުވެރިން ފުރުމުގެ ކުރިން ހުރިހާ ފައިސާއެއް އެ ކުންފުންޏަށް ދައްކާނެއެވެ. އަދި ހުރިހާ ތަނެއްގެ ބިލްތައް ދައްކަން ޖެހޭނީ އެ ކުންފުނިންނެވެ. އެހެންކަމުން މިހާރު ތާށިވެފައިތިބި 600،000 ފަތުރުވެރިންވެސް ވާނީ ތޯމަސް ކޫކްއަށް ފައިސާ ދައްކާފައެވެ.

އެ ކުންފުނި ބަނގުރޫޓުވިއިރު، ކުރިއަށްހުރި މަސްތަކުގައި ދަތުރު ކުރުމަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ފައިސާ ދައްކާފައެވެ. މިކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ކުރާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގަ ސަރުކާރުތަކުން މިހާރު ގެންދަނީ އެ ގައުމުތަކުގެ ރައްޔިތުން ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އިނގިރޭސިވިލާތުން ވަނީ އެ ގައުމުގެ ތާރީހުގައި ހިގާ އެންމެ ބޮޑު އޮޕަރޭޝަން ފަށާފައެވެ. އެ ގައުމުގެ 150،000 މީހުން އަނބުރާ ގައުމަށް ގެނައުމަށް ފެށި އޮޕަރޭޝަންއަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން މެޓާހޯން"އެވެ.

އިނގިރޭސިވިލާތުން ބުނީ އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް މިއަދުން ފެށިގެން ދެ ހަފްތާ ހޭދަވާނެ ކަަމަށެވެ. 150،000 މީހުންގެ ތެރެއިން ގިނަ މީހުން ގެންދަނީ ޗާޓަރު ފްލައިޓްތަކުގައެވެ.

އިނގިރޭސިވިލާތުން މިހާރު ވަނީ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް 40 ފްލައިޓެއް ޗާޓަރުކޮށްފައެވެ. މި ފްލައިޓްތައް ދެ ހަފްތާ ތެރޭ 1000 ދަތުރު ކުރާނެެއެވެ.

މީގެ އިތުރަށް ހޮޓާތަކަށް ދައްކަންް ޖެހޭ ފައިސާ އާ މެދު އަމަލު ކުރާނެ ގޮތަކާއި މެދު އިނގިރޭސިވިލާތުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ތޯމަސް ކޫކް އިން ދުނިޔޭގެ 60 މަންޒިލަށް ފަތުރުވެރިން ފޮނުވައެވެ. މިދިޔަ އަހަރު އެ ކުންފުނި މެދުވެރިކޮށް 19 މިލިއަން މީހުން ދަތުރުކޮށްފައި ވެއެވެ.

މި ސަރަހައްދަށް އެ ކުންފުނިން ފަތުރުވެރިން ފޮނުވަނީ އެންމެ ތިން ގައުމަށެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން، ސްރީލަންކާއަށެވެ.

ތޯމަސް ކޫކް ބަނގުރޫޓޫވީ އެކުންފުނިން މިހާރުން މިހާރަށް ދައްކަން ޖެހޭ 200 މިލިއަން ޕައުންޑް ހޯދުމަށް ބޭންކް ތަކާއި ސަރުކާރާއެކު ކުރި މަޝްވަރާތައް ފެއިލް ވުމުންނެވެ.

178 އަހަރުވީ ތޯމަސްކޫކްއަކީ ފަތުރުވެރިން އެކި ގައުމުތަކަށް ގެންދިއުމުގައި އެންމެ ގިނަ ދުވަސްވީ އަދި ފަތުރުވެރިކަމުގެ ތާރީހެއް އޮތް ކުންފުންޏެކެވެ.

ދުނިޔޭގެ 16 ގައުމެއްގައި އެ ކުންފުނީގެ 21،000 މުވައްޒަފުން މަސައްކަތް ކުރެ އެެވެ. ކުންފުނީގެ 105 މަތިންދާ ބޯޓް އޮންނައިރު، އެ ކުންފުނިން އޮޕަރޭޓް ކުރާ ރިސޯޓްތަކާއި ހޮޓާތަކުގެ އަދަދު 200 އަށް އަރައެވެ.

ކުންފުނި ބަނގުރޫޓުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔެ އެކި ގައުމުތަކުގައި ދެމުންދާ ނިރުބަވެރި ހަމަލާތަކާއި މިދިޔަ އަހަރު ޔޫރަޕަށް އާދަޔާ ހިލާފު ހޫނުވުމާއި، އިނގިރޭސިވިލާތް އީޔޫ އިން ވަކި ވުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ފަތުރުވެރިން ދަތުރުތައް ލަސް ކުރުން ހިމެނެއެވެ. އަދު ތެލުގެ އަގުބޮޑުވުންވެސް އެއީ ދިމާވި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮޕް

    ރާއްޖެއައްވެސް ބޮޑުއަސަރެއް ކުރާނެ..

    14