އަވަށްޓެރި އިންޑިއާގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން އެގައުމުގެ ސްކޫލުތައް ބަންދުކުރަން ފަށައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމުގެ ސްކޫލުތައް ބަންދުކުރަން ފަށާފައިވަނީ ވެރިކަން ކުރާ ނިއު ދިއްލީގެ ކަމާ ބެހޭ އިދާރާތަކުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. ދިއްލީގެ ކަމާ ބެހޭ އިދާރާތަކުން ވިދާޅުވީ، އެގައުމުގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށްވެސް ނުރައްކާ ވުން އެކަށީގެންވާ ކަމަށެވެ.

އެއާއެކު އެގައުމުގައި ވަނީ ވައި ތަޣައްޔަރުވުމުން ނެރޭ ސިއްޙީ ކުއްލި ހާލަތުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ އިއްޔެ އެވެ. މިކަމާ ގުޅިގެން އެގައުމުގެ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

އިންޑިއާގައި ސިއްހީ ކުއްލި ހާލަތު ނެރެފައި މިވަނީ ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް އެގައުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަދި ދިއްލީގެ ޖައްވުގެ ސަރަހައްދުގައި ނުރައްކާތެރި ގޭހާއި ވައި ހިމެނޭ ގޮތަށް ބައިވަރު ދުން ފެތުރިފައިވާއިރު އެގައުމުން ހެދި ތަހުލީލުތަކުން ވަނީ އެކަން ކަށަވަރުވެފައެވެ.

މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ވަނީ ބޭރަށް ދާ ނަމަ ގޭސް މާސްކު ނުވަތަ ފޭސް މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު