އެފްރިކާގެ ޤައުމެއް ކަމަށްވާ ސްވަޒިލެންޑުގެ ރަސްގެފާނު، މުސްވާތީ އޭނާގެ 14 އަނބިންނަށް 19 ރޮލްސް ރޮއިސް އާއި، 120 ވަރަކަށް ބީއެމްޑަބްލިއު ކާރު ގަނެ، އެޤައުމުގެ ރައްޔިތުންނަށް "ފުރައްސާރަ" ކޮށްފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި 13 މިލިއަން ޕައުންޑަށްވުރެ ގިނައިން ޚަރަދުކޮށްގެން މުސްވާތީ ގަތް ގިނަ ކާރުތައް މިމަހުގެ ކުރީކޮޅު ވަނީ ސްވަޒިލޭންޑަށް އެތެރެ ކޮށްފައެވެ. މުސްވާތީ ގަތް ބީއެމްޑަބްލިއު ކާރުތަކަކީ އެކްސް 3 މަރުކާއާއި، 5 ސީރީޒްގެ ކާރުތަކެވެ. މީގެ ކާރެއްގެ އަގު 30،000 ޕައުންޑް (6 ލައްކަ ރުފިޔާ) އަށްވުރެ މައްޗަށް އަރައެވެ. މި ކާރުތައް ސްވަޒިލޭންޑަށް އެތެރެކޮށްފައިވަނީ ދެކުނު އެފްރިކާ އިން، ޓްރަކުތަކަކަށް އަރުވައިގެންނެވެ.

ސްވަޒިލޭންޑުގެ ރައްޔިތުންނަކީ ވަރަށް ފަޤީރު ބައެކެވެ. އެޤައުމުގެ އާއްމު ރައްޔިތަކަށް އަހަރެއްގެ މައްޗަށް ލިބެނީ ގާތްގަނޑަކަށް 10،000 ޕައުންޑެވެ. މާނަޔަކީ، އާއްމު ރައްޔިތަކު ރޮލްސް ރޮއިސް ކާރެއް ގަތުމަށް 70 އަހަރު ވަންދެން ވަޒީފާގައި އުޅެ "ހަނާވާން" ޖެހޭނެއެވެ. ރަސްގެފާނު މުސްވާތީ ޚަރަދު ކުރުމުގައި ހައްދުފަހަނައަޅައި ދިޔުމުގެ ސަބަބުން އެޤައުމުގެ ރައްޔިތުން ވަރަށް ބޮޑަށްވެސް ރުޅިއަރުވައިފިއެވެ.

ސްވަޒިލޭންޑުގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ވަންޑިލް ޑްލުންޑްލޫ ބުނިގޮތުގައި ރަސްގެފާނު ދަނީ އަދިވެސް އޭނާ އާއި އޭނާގެ އާއިލާ "ޚަރާބު ކުރަމުންނެވެ."
"ރަސްގެފާނު އެ ކުރާ ކަމަކީ ކުރުގޮތަކަށް ބުނަންޏާ، ރައްޔިތުންނާ ދިމާލަށް މެދު އިނގިލި ދިއްކުރުން، އޭނާއަކީ ޤާނޫނޫ ކަމަށް އޭނާ އެ ބުނަނީ." ވަންޑިލް ބުންޏެވެ.

51 އަހަރުގެ ސްވަޒިލޭންޑުގެ ރަސްގެފާނު، މުސްވާތީ އަކީ ވަރަށް މުއްސަނދި ދިރިއުޅުމެއްގައި އުޅެން ބޭނުންވާ މީހެކެވެ. އޭނާގެ 14 އަނބިން ތިބޭއިރު، އޭނާއަށް 25 ދަރިން ވެސް ލިބިފައިވެއެވެ. މީގެ ކުރިންވެސް 200 މިލިއަން ޕައުންޑުގެ ލަގްޒަރީ ޖެޓެއް ގަނެގެން އޭނާ ވަނީ ރައްޔިތުން ރުޅިއަރުވައިފައެވެ. މިފަހަރު އޭނާގެ "ޝޮޕިންގް ބާސްކެޓުގައި" އަގުބޮޑެތި ކާރުތަކުގެ އިތުރަށް 30 މޮޓޯ ރޭސިންގް ސައިކަލްވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލަަަަަަަމ

    ޔާމިނަށް ވުރެ ތީނަ ނުބައި ވީތާ

    60
    34
  2. އިބޫ

    އަދިވެސް އިބޫއަށްވުރެ ރަނގަޅު

    132
    14
  3. ހުސޭނުބޭ

    ޖީޑީޕީއަށް 10000 ފައުންޑު ޖެހެންޏާ ދިވެހިންނަށްވުރެ މުއްސަދި!

    22
    2
  4. ނަރެލް

    މިގައުމުންވެސް ބީއެމްޑަބުލިޔު ކާރާ ރޮލެކްސް ގަޑިތަކުގެ ވާހަކަތަކެއް ދައުރުވި ކައިރިމާޒީއެއްގެ ހަނދާން އަދި ނުފިލާ އޭގެބޭނުންކުރި ބަޔަކުވެސް އުޅޭނެތާ އެހެން ގައުމެއްގަ ކަމެއްހިނގީމަ ކޮންމެހެން މާބޮޑު ކަމަކަށް ހަދައިގެން އަހަރުމެން ދުވާކަށް ނުޖެހޭ ބާރުހުރި ނުލަފާވެރިއަކު ކުރާކަމެއް ޝަރީއަތެއްގަ ސާބިތުނުވާނެކަން ދިވެހިންނަށް މިހާރު އެނގޭނެ

    3
    3
  5. އަލިފު!

    އެހެން ޤައުމުތަކުގެ ވާހަކަ ދެއްކުން ހުއްޓައިލާފައި އަމިއްލަޤައުމުގެ ވާހަކަ ދެއްކުން މާރަނގަޅުވާނެ! ބޯހިޔާވެހިކަން ނުލިބި، އަނގަޔާ އަތާ ދިމާނުވާ ކިތަންމީހުން އެބަތިބިތޯ! އެކަމަކު ރައީސްކަން ކޮށްފައި ހުރިމީހަކަށް ވިއްޔާ އެތައްލައްކަ ރުފިޔާއެއް އެކިނަންނަމުގައި އެދެނީ! އަދި އެއިން ކޮންމެ މީހަކު ޕާޓީއެއްހަދައި ކޮންމެ ޕާޓީއަކަށް އެތައް މިލިޔަން ރުފިޔާއެއް ދެމުން އެގެންދަނީ! ރާއްޖެއަކީ އާމުދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް އޮތްތަނެއްނޫން! ޖީއެސްޓީގެ ނަމުގައި ރައްޔިތުންގެ އަތުން ފައިސާނަގައި ސިޔާސީ މީހުންނަށް ކާންދެމުން ގެންދާތަނެއް!

  6. ޤަބީލާ

    އެހެންވީމާ ހަމަ ވަރަށް މުއްސަދި! އަހަރަކު 10000 ޕައުންޑަކީ މަހަކު 833 ޕައުންޑް! އެއީ ދިވެހި ރުފިޔާއިން ހިސާބުޖަހައިރު މަހަކު 15833 ރުފިޔާ! އެއީ ދިވެހިރާއްޖޭގެ މުސާރަތަކަށްބަލާއިރު މާސްޓާޒް އޮންނަމީހުންނަށްވުރެވެސް ބޮޑު ޢަދަދެއް!