ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މިއަދު ޙުކުމެއް ކޮށްފިއެވެ.

ފަސް ފަނޑިޔާރުން ހިމެނޭ ބެންޗުން މިއަދު ކުރި ޙުކުމުގައި ބުނެފައި ވަނީ ދައުލަތުގެ މަގާމެއް ފުރާ ކޮންމެ މީހަކީ ތެދުވެރި، އެހެން މީހުންގެ އިތުބާރު ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ޕާކިސްތާންގެ ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ނަވާޒް ޝަރީފްގެ އިތުބާރު ގެއްލި އަދި އޭނާ އަކީ ތެދިވެރިއެއް ނޫން ކަމަށް ގަބޫލު ކުރެވޭ ދަރަޖައަށް ކަންތައްތައް ގޮސްފައި ވާތީ ދުވަހަކު ވެސް ދައުލަތުގެ މަގާމެއް ފުރުން މަނާ ކުރާ ކަމަށް ޙުކުމުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.

މިއަދު ސުޕްރީމް ކޯޓުން އިތުރު ޙުކުމެއް ނަވާޒް ޝަރީފްގެ މައްޗަށް އިއްވާފައި މިވަނީ ވެސް އިތުރު މައްސަލައެއް ބެލުމެއް ނެތިއެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރިއެވެ.

މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ނަވާޒް ޝަރީފްގެ ޕާޓީ އިން ބުނީ މިޙުކުމުގެ ސަބަބުން ޕާކިސްތާނަށް ޑިމޮކްރަސީ ގެންނަން ނަވާޒް ޝަރީފް ކުރަމުން އަންނަ މަސައްކަތައް ހުއްޓުމެއް ނާންނާނެ ކަމަށެވެެ.

ކިޔުންތެރިންގެ ހިޔާލު