ލީބިއާގެ ދާހިލީ ހަނގުރަމަ ނިމުމުމަކަށް ގެނެސް ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް އދ.އާއި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާ، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

ޖަރުމަންވިލާތުގެ ބާލިންގައި އޮތް ސަމިޓަކަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ ލީބިއާގެ އެއްވެސް ފަރާތަކަށް ހަތިޔާރު ނުވިއްކުމަށް ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ތުރުކީ، މިސްރު، އިޓަލީ އަދި އެމެރިކާގެ އިސް އޮފިޝަލުން ވެސް ބައިވެރިވިއެވެ. މީގެ އިތުރުން ޔޫއޭއީ، އަލްޖީރިއާ، ޗައިނާ ކޮންގޯ، ޔޫރަޕްގެ އިއްތިހާދު އަދި އެފްރިކާގެ އިއްތިހާދުގެ މަންދޫބުން ވެސް ބައިވެރިވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ލީބިއާގައި ހަމަލާ ބަދަލުކުރުންތައް ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، ލީބިއާ އަލުން އާރާސްތު ކުރުމުގައި އަމަލު ކުރާނެ ގޮތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މާކެލް ވިދާޅުވިއެވެ.

"ލީބިއާގައި ސުލްހަ ގާއިމް ކުރުމަށް ހިނގަން އޮތީ ވަރަށް ދިގު، އަދި އެހައިމެ އުނދަގޫ މަގެއް. ނަމަވެސް މި ބައްދަލުވުމުގައި އެއްބަސް ވެވުނު ކަންތައްތަކުގެ ސަބަބުން ކުރިއެރުންތައް ލިބިގެންދާނެ. މިއީ ވަރަށް އުއްމީދީ ބައްދަލުވުމެއް." މާކެލް ވިދާޅުވިއެވެ.

ލީބިއާގެ ޓްރިޕޮލީގައި ގާއިމްކޮށްފައި އޮންނަ ސަރުކާރުގެ އިސްވެރިޔާ ފައްޔާޒް އަލް-ސަރަޖް އާއި ލީބިއާގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކޮށް ވަކި ސަރުކާރެއް ގާއިމް ކޮށްފައިވާ ލީބިއަން ނޭޝަނަލް އާމީ ޖަމާޢަތުގެ ކޮމާންޑަރު ޚަލީފާ ހަފްތަރު ވެސް މި ބައްދަލުވުން ކުރިއަށް ދިޔައިރު ބާލިންގައި ތިއްބެވެ. ނަމަވެސް އެންމެ އިސްވެރިންގެ މަޝްވަރާތަކުގައި މިއިން މީހަކު ބައިވެރިއެއް ނުވެއެވެ.

ފާއިތުވި ދުވަސްތަކުގައި ލީބިއާގެ ހާލަތު ވަނީ ކުރިއަށް ވުރެވެސް ގޯސްވެފައެވެ. އދ.އިން ބުނާ ގޮތުގައި ފާއިތުވި ނުވަ މަސް ދުވަސް ތެރޭގައި ލީބިއާގައި ދެވުނު ތަފާތު އެކި ހަމަލާތަކުގައި 2000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ބާލިންގައި ބޭއްވި ސަމިޓަލީ ލީބިއާގެ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.