މިދިޔަ ހުކުރު ދުވަހު ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 29 އަށް އަރައި ޒަހަމްވި މީހުންގެ އަދަދު 1400 އަށް އަރާފައިވާ ކަމަށް ކަމަާއި ބެހޭ އިދާރާތްތަކުން ހާމަ ކޮށްފިއެވެ.

6.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ސިވްރިސް އަވަށަށެވެ. މި ބިންހެލުމުގެ އަސަރު ވަނީ 40 ވަރަކަށް ސިކުންތައް ދެމިގެން ގޮސްފައެވެ. އަދި މި ބިންހެލުމުގައި އެ އަވަށުގެ 10 އިމާރާތެއް ބިމާއި ހަމަވެފައިވާ ކަމަށް އެފަރާތުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ތުރުކީގެ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފައިވަނީ މި ހާދިސާގައި ގެއްލުންވި އެލަޒިގް ސިޓީން މިހާތަނަށް 43 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށާއި އެ ސިޓިން 18 މީހަކު މަރުވެފައިވާއިރު މަލަޓްޔާ ސިޓީން 4 މީހަކު ވަނީ މަރުވެފައި ކަމަށެވެ.

އަދި އިމާރާތުގައި ތާށިވެފައި ތިބި 39 މީހަކު ސަލާމަތް ކޮށްފައިވާއިރު އަދިވެސް 22 މީހަކު އިމާރާތުގެ ދަށުގައި ވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ބިންހެލުމުގައި ގެއްލުންވި ފަރާތްތަކަށް އެހީ ވުމުގެ ގޮތުން މިހާތަނަށް 3700 ވުރެ ގިނަ ފަރާތްތަކުން ވަނީ ނުކުމެފައެވެ.

މީޑިއާތަކުން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ތުރުކީ ފިޔަވައި އެގައުމާއި އަވަށްޓެރި އިރާޤު، ސީރިއާ، ލުބުނާން، އަދި އިސްރާއީލަށް ވެސް ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު