އިރާޤުގެ ބަޣުދާދުގެ ގްރީން ޒޯނަށް ރޭ ދިން ރޮކެޓް ހަމަލާތަކުގައި އެމެރިކާ އެމްބަސީގެ އިމާރާތައް ވެސް ގެއްލުންތައް ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާގެ ސީނިއާ އޮފިޝަލަކު "ފޮކްސް ނިއުސް" އަށް މައުލޫމު ދެއްވަމުން ވިދާޅުވީ އެމެރިކާގެ އެމްބަސީއަށް ރޮކެޓް ހަމަލާއެއްގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ.

ނަމަވެސް ޕެންޓަގަން އިން ވަނީ އެމެރިކާ އެމްބަސީއަށް ހަމަލާއެއް އަމާޒުވިކަން ކަށަވަރު ކޮށްދޭން ދެކޮޅު ހަދާފައެވެ. ޕެންޓަގަންގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވޯ ރޮކެޓް ހަމަލާގެ ސަބަބުން އެއްވެސް މީހަކު މަރުވެ، އަދި އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ރޮކެޓް ހަމަލާގެ ސަބަބުން ގެއްލުން ލިބިފައި ވަނީ އެމެރިކާ އެމްބަސީގެ މުވައްޒަފުން ބޭނުންކުރާ ރެސްޓޯރަންޓަކަށެވެ. ހަމަލާގައި ރެސްޓޯރެންޓް އިމާރާތުގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ އިން މިމަހުގެ ކުރީކޮޅު އީރާންގެ ޖެނެރަލް ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން ދޭތެރެ ދޭތެރެއިން އިރާޤުގައި ހުންނަ އެމެރިކާ އެމްބަސީއަށް ދަނީ ރޮކެޓް ހަމަލާތައް އަމާޒުވަމުންނެވެ. ރޭ ވެސް އެމެރިކާ އެމްބަސީ ކައިރިއަށް ފަސް ރޮކެޓް ހަމަލާއެއް ދިނެވެ.

މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަމަލާތައް ދެނީ އިރާޤުގައި ތިބޭ އީރާނަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

އިރާޤު ސަރުކާރުން ވަނީ އެމެރިކާ އެމްބަސީއަށްދޭ ރޮކެޓް ހަމަލާތައް ކުށްވެރިކޮށްފައެވެ. އިރާޤުގެ ބިން ބޭނުން ކޮށްގެން އެހެން ގައުމަކަށް ހަމަލާ ދިނުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އިރާޤު ސަރުކާރުން ވަނީ ބުނެފައެވެ.