ބޭރުން އަންނަ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ހަތިޔާރެއް އޮތްނަމަ އެ އުފައްދާނެ ކަމަށާއި އެއްވެސް ގައުމެއްގެ ހުއްދަ ލިބެންދެން މަޑުނުކުރާނެ ކަމަށް އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އީރާންގެ ސިފައިންގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ ބޭރު ގައުމުތަކުން އަންނަ ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރުގަދަ އަސްކަރިއްޔާއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ.

"އެހެން ގަމުތަކުގެ ނުރައްކާތަކުން ސަލާމަތްވުމަށް ބޭނުންވާ ހަތިޔާރެއް އޮތްނަމަ އެ ހަތިޔާރެއް އީރާނުން އުފައްދާނެ, އަދި އެފަދަ ހަތިޔާރެއް ހެދުމުގެ ކުރިން އެހެން ގައުމުތަކުގެ ހުއްދައެއް ބޭނުން ނުވާނެ" ރޫހާނީ ވިދާޅުވިއެވެ.

އިއްޔެ ތެހެރާންގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި އީރާންގެ އަސްކަރިއްޔާއިން ވަނީ އެގައުމުން އުފައްދާފައިވާ އާ މިސައިލް ސިސްޓަމެއް ކަމަށްވާ "ކާމިން-2" ދައްކާލާފައެވެ.

އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މިސައިލް ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން ތުހުމަތު ކުރާ އިރު ރޫހާނީ ވިދާޅުވީ އަމިއްލަ އުފެއްދުންތެރިކަމުގެ މައްޗަށް ބަރޯސާވާ ގައުމުތަކަށް ފުރިހަމަ ބާރާއި އަމިއްލަ އިސްތިގްލާލެއް އޮތްކަން އޭގެ ހަގީގީ މާނައިގައި އިހްސާސް ކުރެވެން ޖެހޭނެ ކަމަށެވެ.

އީރާންގެ އާރމްޑް ފޯސަސްގެ ތަރުޖަމާނު ވިދާޅުވީ މިސައިލް ޕްރޮގްރާމާއި ގުޅޭ ގޮތުން ވާހަކަ ދެއްކޭނީ އެހެން ގައުމުތަކުގައި ހުރި ނިއުކްލިޔާ ހަތިޔާރާއި ދުރު-ރާސްތާ މިސައިލްތައް ނައްތާލުމުން ކަމަށެވެ.

"މަޝްވަރާކޮށް ވާހަކަ ދެއްކޭނީ އެމެރިކާ އާއި ޔޫރަޕްގައި ހުރި ނިއުކްލިޔާ ހަތިޔާރުތަކާއި ރާސްތާ މިސައިލްތައް ނައްތާލުމުން" އީރާނުން ބުންޏެވެ.

އީރާނުގެ މިސައިލް ޕްރޮގްރާމްތައް ހުއްޓުވުމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އީރާނުގެ މިސައިލް ޕްރޮގްރާމާއި ގުޅީގެން ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު