ދެކުނު ކޮރެއާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން ކޮވިޑް-19އަށް ޕޮޒިޓީވް ވާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަދު މިހާތަނަށް އެ ގައުމުން ވަނީ އަލަށް 53 މީހަކު ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ 30 މީހުން ޕޮޒިޓިވްވިއިރު، އެ ގައުމުން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 104 އަށް ވަނީ އަރާފައެވެ.

ދެކުނު ކޮރެއާގެ ސެންޓަރު ފޯ ޑިޒީސް ކޮންޓްރޯލް ޔުނިޓުން ބުނެފައިވަނީ އެގައުމުން މިހާރު އަންނަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހާ މަރުވެފައިވަނީ ސީދާ ކޮންކަހަލަ ސަބަބަކާއި ހުރެ ކަން ބަލަމުން ކަމަށެވެ.

އަދި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އެ ބަލި އެގައުމުން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަލުވި ކަމާއި އެކީ ކަމާއި ބެހޭ އިދާރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

ޗައިނާގެ ވުހާން ސިޓިން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ އެގައުމު ފިޔަވައި އިތުރު 29 ގައުމަކަށް ފެތުރިފައެވެ. އޭގޮތުން ކޮރޯނާ ވައިރަސް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ބެލްޖިއަމް، ކޮމްބޯޑިއާ، ކެނެޑާ، މިސްރު، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ހޮންގްކޮންގް، އިންޑިއާ، އިރާން، އިޓަލީ، ޖަޕާން، މަކާއު، މެލޭޝިއާ، ނެޕާލް، ފިލިޕިންސް، ރަޝިއާ، ސިންގަޕޫރު، ދެކުނު ކޮރެއާ، ސްޕެއިން، ސްރީލަންކާ، ސްވިޑެން، ޓައިވާން، ތައިލޭންޑް، ޔޫއޭއީ، ޔުނައިޓެޑް ކިންގްޑަމް، އެމެރިކާ އަދި ވިއެޓްނާމެވެ.

މި ބަލި ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައިވަނީ ޗައިނާއިންނެވެ. ޗައިނާ ފިޔަވައި މި ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޖަޕާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭޑް ޢައްބާސް

    މިހުރިހާ ގައުމަކުން މިވައިރަސް ފެނުނުއިރު ރާއްޖެއިން ނުފެންނަކަމަށް ސަރުކާރުން ބުނަނީ..، އެކަމަކު ހުރިހާ ފަތުރުވެރިން އަންނަ މަންޒިލަކަށް ރާއްޖެ ވާއިރު މިވައިރަސް ރާއްޖޭގައި ނެތެކޭވެސް ނުބުނެވޭނެ... ޔާމީން ސަރުކާރުންވެސް ސުވައިން ފުލޫ ރާއްޖޭގައި ހަލުވިކަމާއިއެކީ ފެތުރެމުން ދިޔައިރުވެސް ބުނީ ސުވައިންފުލޫ ރާއްޖޭގައި ނޫޅޭކަމަށް، އެހެންނަމަވެސް އެކަން ފާޅާއެރީ ސުވައިން ފުލޫ ޖެހިގެން މީހުންތަށް ރާޢޖެއިން މަރުވާން ފެށުމުން...