ޗައިނާގެ ވޫހާން އިން ޑިސެމްބަރު މަހު ފެނުނު ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ޑޮކްޓަރުންނާއި ނަރުހުން ކުރަމުން އަންނަ މަސައްކަތައް ތައުރީފް ޙައްޤެވެ. ބައެއް ސިއްހީ އެހީތެރިން މިހާރު ބަލި ޖެހިގެން މަރުވެފައި ވީނަމަވެސް، އެމީހުން ވެސް ކޮޮށްފައި އެވަނީ އަގު ނުކުރެވޭނެ ވަރުގެ މަސައްކަތެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އެންމެ ފަސޭހައިން ޖެހެނީ ސިއްހީ އެހީތެރިންނަށެވެ. ނުވަތަ ބަލި މީހުންނާއި އެންމެ ކައިރީގައި އުޅޭ މީހުންނަށެވެ. ނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ތިބީ އެމީހުންގެ މަސައްކަތުގައި އަދިވެސް ކުރިއަށް ދާށެވެ.

ޗައިނާގެ "ޒިންހުއާ" އިން މިއަދު ބުނީ ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދައި ރަނގަޅު ވެގެން މިހާރު ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އެނބުރި ވަޒީފާ އަށް ނިކުންނަން ފަށާފައިވާ ކަމަށެވެ.

ވޫހާންގެ ހަންކޯ ހޮސްޕިޓަލްގެ ވަރަށް ގިނަ މުވައްޒަފުންނަށް ކުރިން ވަނީ ބަލި ޖެހިފައި ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ދިހަ މުވައްޒަފަކު މިއަދު ވަނީ ބަލިން ރަނގަޅު ވެގެން އެނބުރި ވަޒީފާއަށް ނިކުމެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަލިން ރަނގަޅުވި ޑޮކްޓަރުންނާއި ނަރުހުން ވަޒީފާ އަށް ނިކުތީ ވަޒީފާއަށް ނިކުންނަން އަމިއްލަ އަށް ފެނިގެން ވޮލެންޓީ ކޮށްގެންނެވެ.

މިއަދު ވަޒީފާއަށް ނިކުތް ޑޮކްޓަރަކު "ޒިންހްއާ" އަށް މައުލޫމާތު ދެމުން ބުނީ ބަލިން ރަނގަޅު ވުމުން އެންމެ ދުވަހަކު ވެސް ގޭގައި ހުންނަން އޭނާ ބޭނުން ނުވި ކަމަށާއި ބޭނުންވީ އަވަހަށް ވަޒީފާއަށް ނިކުމެ ބަލި މީހުންނަށް އެހީތެރިވާން ކަމަށެވެ.

"އަހަރެންނަށް ވަރަށް ބޮޑު އުފަލެއް މިއަދު ލިބިއްޖެ އަލުން ވަޒީފާއަށް ނިކުމެވުމުން. އަހަރެމެން ގުޅިގެން މަސައްކަތްކޮށް މިހާލަތުން އަރައިގަންނާނަން." އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު