ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިހާރު ހަތް މީހުން މަރުވެފައި ވާއިރު އަދިވެސް ފުރަތަމަ ބަލި ޖެހުނު މީހާ ދެނެގަނެވިފައި ނުވާތީ ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

"ޕޭޝަންޓް ޒީރޯ" އަކީ ކޮބައިކަން ދެނަގަނެވިފައި ނުވާތީ އޭނާ މިހާރު ވެސް ހުންނާނީ މުޖުތަމަޢުގެ ތެރެއަށް ދޫވެފައި ކަމަށް އޮފިޝަލުން ބުނެއެވެ. އެހެންކަމުން އޭނާގެ ފަރާތުން ގިނަ ބަޔަކަށް ބަލި ފެތުރެމުން ދިއުން އެކަށީގެންވެއެވެ.

ސައިންސްވެރިން ބުނެފައި ވަނީ ބަލި ޖެހިފައި ތިބޭ މީހުންނަށް އަލާމާތެއް ނުފެނި 14 ދުވަސް ހުރެދާނެ ކަމަށެވެ. ނަމަވެސް ޗައިނާގެ ސައިންސްވެރިން އިއްޔެ ބުނީ ބަލީގެ އަލާމާތެއް ނުފެނި 27 ދުވަސް ވަންދެން ވެސް ހުރެދާނެ ކަމަށެވެ. އެމުއްދަތުގައި ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރެމުން ދެއެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅުގަނޑުމެންނަށް އަދިވެސް ޕޭޝަންޓް ޒީރޯ، ނުވަތަ އިޓަލީވިލާތުން ފުރަތަމަ މި ބަލި ޖެހުނު މީހަކު ދެނެގަނެވިފައި ނެތުން." އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އެނެޖްސީގެ ވެރިޔާ އެންޖެލޯ ބޮރިއެލީ ވިދާޅުވިއެވެ.

އިޓަލީވިލާތަކީ ޔޫރަޕްގެ ހުރިހާ ގައުމެއްގެ މީހުން ވެސް އާއްމުކޮށް ޒިޔާރަތް ކުރާ، އަދި ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލް ގައުމަކަށް ވުމުން އިޓަލީވިލާތް މެދުވެރިކޮށް ޔޫރަޕްގެ އެހެން ގައުމުތަކަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ފްރާންސާއި އިނގިރޭސިވިލާތުން ވަނި އިޓަލީވިލާތާއި އެގައުމުތައް ގުޅޭ ބޯޑަރު ބަންދު ކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.

އިޓަލީވިލާތުން މިހާރު ވަނީ 200 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައުފަރު

    ނާސާ އަށް އެ މީހާ ހޯދޭނެ މިލިއަން އަހަރު ދުރުގަ އޮންނަ ތަރި ހޯދާ ބަޔަކަށް ތި މީހަކު ނުހޯދި ނުހުންނާނެ އަދި ހޯދާނެ ހޯދާފަ ކަނޑު ފައްތާނެ

    10
    4
  2. ހިތާމަހުރި

    ސައިންސްވެރިން ބުނެފައި ވަނީ ބަލި ޖެހިފައި ތިބޭ މީހުންނަށް އަލާމާތެއް ނުފެނި 14 ދުވަސް ހުރެދާނެ ކަމަށެވެ. ނަމަވެސް ޗައިނާގެ ސައިންސްވެރިން އިއްޔެ ބުނީ ބަލީގެ އަލާމާތެއް ނުފެނި 27 ދުވަސް ވަންދެން ވެސް ހުރެދާނެ ކަމަށެވެ. އެމުއްދަތުގައި ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރެމުން ދެއެވެ.

    މިވަރު ސީރިއަސް ކަމެށް މިރާއްޖޭގަ ނަގަނީ ހާދަލުއިކޮށޭ.

    • ކިހާދެރަ

      ކީޢްތޯ ކުރާނީ އެވެރިން އެހާވެސް ގާބިލް.