އިންޑިއާގެ ރަޖަސްތާނުގެ ޑިސްޓްރިކްޓެއް ކަމަށްވާ ބުންޑި ހައިވޭގައި ދުއްވަމުންދިޔަ ބަހެއް ކޯރަކަށް ވެއްޓި އޭގެން ދަތުރު ކުރި 25 މީހުން މަރުވެއްޖެއެވެ.

ކޮޓާ އިން ސަވައި މޮދުޕޫރަށް މިއަދު ވަރަށް ހެނދުނު ދަތުރު ކުރަމުންދިޔަ އެ ބަސް ވެއްޓުނީ މެޖް ކޯރަށެވެ. އެ ބަހަކީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވާން ދިޔަ މީހުން އަރުވައިގެން ދަތުރު ކުރަމުންދިޔަ ޕްރައިވެޓް ބަހެކެވެ. އެ ބަހުގައި އެވަގުތު 28 މީހަކު ތިއްބެވެ. އެ ހާދިސާގައި 25 މީހަކު މަރުވިއިރު، ތިން މީހަކު ވަނީ ސަލާމަތްވެފައެވެ.

އެ ބަސް ކޯރަށް ވެއްޓުނީ ޕަޕަޑި ވިލޭޖް ކައިރީ އޮންނަ ބްރިޖެއް މަތިން މާބާރަށް ދަތުރު ކުރަމުންދަނިކޮށް، ބަސް ކޮންޓްރޯލް ނުކުރެވިގެން ގޮހެވެ.

ފުލުހުން ބުނީ، އެ ބުރިޖަކީ ރައްކާތެރިކަމަށްޓައި ބްރިޖުގެ ދެފަރާތުގައި ދަގަނޑު ނުވަތަ ފާރެއް ރާނާފައި ނުވާ ބުރިޖެއް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ބަސް ކޯރަށް ވެއްޓުނު ސަރަހައްދުގައި 13 މީހަކު ވަނީ މަރުވެފައެވެ. އަދި 10 މީހަކު ވެފައި ވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 10 އަންހެނެއްގެ އިތުރުން ތިން ކުޑަކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު