މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު މިހާރު އިތުރަށް ބޮޑުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ރިސްކް އެސިސްމަންޓެއް ހެދުމަށް ފަހު ދެންމެ ބުނީ މިހާރު 48 ގައުމަކަށް ފެތުރިފައިވާ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު މިހާރު "ވަރަށް ބޮޑުވެއްޖެ" ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ނުރައްކަލުގެ ދަރަޖަށް މިވަނީ މަތިކޮށްފައި. މުޅި ދުނިޔެއަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވެއްޖެ." ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ޖެނީވާގައި ހުންނަ އެޖަމިއްޔާގެ މައި އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ހުކުރު ދުވަހު މިހާތަނަށް ޗައިނާ ފިޔަވައި އެހެން ގައުމުތަކުން 4351 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން 67 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 ބާރަށް ފެތުރެމުން ދިޔަ ނަމަވެސް ޑަބްލިއުއެޗްއޯ އިން މިރޭ ވެސް ވިދާޅުވީ ބަލި ފެތުރޭ ގޮތައް އިތުރު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. "އަދިވެސް ގަބޫލު ކުރެވެނީ ބަލި ޖެހެނީ، ބަލި ޖެހިފައި ހުރި މީހަކާއި ކޮންޓެކްޓް ވުމުން ނުވަތަ އެމީހަކާއި ގާތުގައި އުޅުމުން." ޑިރެކްޓަރ ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ އިއްޔެ ގިނަ ގައުމުތަކަކުން ކޮވިޑް-19 އަލަށް ފެނުނުއިރު އެގައުމުތަކާއި އިޓަަލީވިލާތާއި ގުޅުން އެބައޮތް ކަމަށެވެ.

"އިއްޔެ އިން ފެށިގެން ޑެންމާކް، އެސްޓޯނިއާ، ލިތުއޭނިއާ، ނެދަލޭންޑްސް އަދި ނައިޖީރިއާ އިން ވަނީ ކޮވިޑް-19 ފެނިފައި. މިހުރިހާ ގައުމަކުން ފެނުނު ބަލި މީހުންނާއި އިޓަލީވިލާތާއި ގުޅުން އެބައޮތް." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 80000 އަށް ވުރެ އިތުރު ވެފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3000 ކައިރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރޯނާ

    ފަތުރުވެރިން ގެނައުން މަޑުޖައްސާލަން ގޮވާލަން

    56
  2. ރައްޔިތުމީހުން

    އަދިވެސް އާމާލް ކުލޫނީއަށް ލާރި ނުދެވިގެނަ ދުވަނީ.. އެ ލާރި ބޭނުން ން ކޮށްގެން މިކަމަށް ތައްޔާރު ވިއްޔާ މާ ރަނގަޅެއްނު

    63
    1
  3. ޙުސޭން

    ބަލަ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އެކަނިތޯ މިބަލަނީ، އިއްޔެ ވެސް އިންޑިޔާއިން އެތައް ފުރާންއެއް ދުއްވާލި، ސީރިއާ، ފަލަސްތީން، ޔަމަން، އިރާގް، މިޔަންމާ އަދި ޗައިނާގަވެސް މީހުން ތައް ކޮންމެ ދުވަހަކުވެސް 'ވައިލެންސް' ކިޔާ ވައިރަހެއް ގައި ޖެހި މަރުވަމުންދޭ، އެވާހަކަ ކީއްވެގެން ނުދައްކަނީ؟

    16
  4. ފަހަރުވަ

    ފަތުރު ވެރިން ގިނައިން ގެނައުމައް ގޮވާލަން. ޢަދި ޝޮޕިންގ އަށް މީހުން އުޅޭރައްރަށައް ގެނައުން އެދެންް. ގެސްޓްހައުސް ވިޔަފާރި މެކުހައް ޖަހާ.