އެންމެ ހަލުވިކަމާއި އެކު މިހާރު ކޮވިޑް-19 ފެތުރެމުން އަންނަ އިޓަލީވިލާތުން އަނެއްކާވެސް އިތުރު 566 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އަދި މިބަލީގައި އިތުރު ފަސް މީހަކު މަރުވެއްޖެއެވެ.

އިޓަލީވިލާތުން އިތުރު ފަސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވުމުން ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 34 އަށް އަރާފައެވެ. މިހާތަނަށް 1694 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ޖެހިގެން ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 140 މީހެއްގެ ހާލު ސީރިއަސް ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ބުނެއެވެ.

އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 83 މީހެކެވެ.

އިޓަލީވިލާތުގެ ހެލްތު މިނިސްޓްރީން ބުނީ އަދިވެސް އެގައުމުގައި އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަމުގެ އެއް ސަބަބަކީ އެގައުމަކީ ނިސްބަތުން އުމުރުން ދުވަސްވީ މީހުން ގިނަ ގައުމަކަށް ވުމުން ކަމަށެވެ. ބަލި ކޮންޓްރޯލް ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރުފެނި ބަލި ޖެހޭ މީހުންގެ އަދަދު މަދުވާނީ އަދި ދިހަވަރަކަށް ދުވަސް ފަހުން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އިޓަލީވިލާތުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމުގެ 21 އަވަށެއް މިހާތަނަށް ވަނީ ކަރަންޓީން ކޮށްފައެވެ. އެއިން އެއްވެސް އަވަށެއްގެ މީހަކު އަވަށުން ބޭރަށް ދިއުމާއި، އެހެން ސަރަހައްދެއްގެ މީހަކު އެއިން އަވަށަކަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ.

ގިނަ ގައުމުތަކުން ވެސް މިހާރު ވަނީ އިޓަލީވިލާތައް ދަތުރު ނުކުރަން އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު