ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު ހަތް މީހަކު މަރުވެ، އިތުރު 296 މީހަކު މި ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

މިހާތަނަށް އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަކީ 16 އެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 949 އެވެ.

ފްރާންސްއިން މިއަދު ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓީވްވުމާއެކު، މިހާރު ފްރާންސްވެފައި ވަނީ، ވިލާތުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ގައުމަށެވެ.

މިރެއާއި ހަމައަށް އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައި އޮތީ ވިލާތު ގައުމުތަކުގެ ތެރެއިން ޖަރުމަނެވެ. އެ ގައުމުން 800 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ސްޕެއިނުންނެވެ. އެ ގައުމުން 503 މީހަކު މި ވައިރަސް އަށް ޕޮޒިޓިވްވެފައި ވެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ފްރާންސް ހިމެނެނެނީ ފަސް ވަނައަށް އެންމެ ގިނަ މިހުން ޕޮޒިޓިވްވި ގައުމަށެވެ.

އެއީ ޗައިނާ ދެކުނު ކޮރެއާ، އިޓަލީ އާއި އީރާނަށް ފަހުއެވެ.

ފްރާންސްގެ ޕަބްލިކް ހެލްތު ސާވިސްގެ ހެޑް ޖެރޮމް ސަލޮމަން ވިދާޅުވީ ކޮވިޑް-19 ޖެހިގެން އެގައުމުގައި ފަރުވާ ދެމުން ގެންދާ ފަރާތްތަކުގެ ތެރެއިން 45 މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށެވެ.

ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުރު މެންބަރަކު ވެސް އަނެއްކާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤާނޫނު ހަދާ މަޖިލީހުގެ ތިން ވަނަ މެންބަރެވެ. ޕޮޒިޓިވް ވެފައި ވަނީ ކޮން މެންބަރެއް ކަމަށް ފްރާންސް ސަރުކާރުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ ޕޮޒިޓިވްވީ އަންހެން މެންބަރެއް ކަމަށެވެ.

ފްރާންސްގެ ހުރިހާ ސަރަހައްދެއްގައި ކޮވިޑް-19 ފެތުރެމުންނެއް ނުދެއެވެ. އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދަނީ އުތުރުގައި އޮންނަ އޮއިސީ ސަރަހައްދާއި ހައުޓް-ރިން ނަމަކަށް ކިޔާ ސަރަހައްދުގައެވެ. އެސަރަހައްދުގެ ސްކޫލްތަކާއި ނާސަރީތަކާއި ކިންޑަގާޑަންތައް ހޯމަ ދުވަހުން ފެށިގެން ދެހަފްތާ ދުވަހަށް ބަންދުކުރަން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު