ބަލްގޭރިއާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ބަލްގޭރިއާގެ ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ވިދާޅުވީ އެގައުމުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހެލްތު އިނިސްޕެކްޓަރ އެންޖެލް ކަންޗޭވް ވިދާޅުވީ ބަލްގޭރިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަންހެނަކާއި ފިރިހެނަކު ކަމަށާއި އެއިން އެއްވެސް މީހަކު އެއްވެސް ގައުމަކަށް ދަތުރު ކޮށްފައި ނުވާކަމަށެވެ. އަދި ބަލި ފެތުރެމުންދާ ގައުމަކުން އައި މީހަކާއި އެކު ވެސް އެއިން މީހަކު އުޅެފައި ނުވާ ކަމަށެވެ. އެހެންކަމުން ބަލްގޭރިއާ އިން ފުރަތަމަ ބަލި ޖެހުނު މީހާ އަދި ނުފެންނަ ކަމަށް އެންޖެލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ބަލްގޭރިއާ އިން ޕޮޒިޓިވް ވެފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 75 އަހަރުގެ އަންހެނެކެވެ.

ބަލްގޭރިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންނާއި ބައްދަލުވެފައިވާ 40 މީހުން ދެނެގަނެ އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ބަލްގޭރިއާގެ ހެލްތު މިނިސްޓްރީން އުއްމީދު ކުރަނީ މި މީހުންގެ ތެރޭގައި ފުރަތަމަ ބަލި ޖެހުނު މީހާ ނުވަތަ "ޕޭޝަންޓް ޒީރޯ" ހުންނާނެ ކަމަށެވެ.

ޕޭޝަންޓް ޒީރޯ ދެނެނުގަނެވިއްޖެނަމަ ބަލި ވަރަށް ބޮޑަށް ފެތުރިގެން ދިއުމުގެ ބިރު ބޮޑެވެ.

ކޮވިޑް-19 ޖެހުމުން އެއްވެސް އަލާމާތެއް ނުފެނިވެސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އަރައެވެ. ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރިގެންދާ އެއް ސަބަބަކީ ވެސް އަލާމާތްތައް ނުފެނި ހުންނަ މީހުންގެ ގައިން ކޮވިޑް-19 ފެތުރެމުން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު