އިންޑިއާ އިން މިއަދު ކޮވިޑް-19 އަށް އިތުރު ފަސް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ކެރަލާގެ އެއް އާއިލާއެއްގެ ފަސް މެންބަރުންނެވެ. އެމީހުން ވަނީ ދާދިފަހުން އިޓަލީވިލާތައް ދަތުރުކޮށްފައެވެ.

މިހާރު އެނގިފައިވާ ގޮތުގައި ފަސް މީހުންގެ އާއިލާ އިން އިންޑިއާ އަށް އައިވަގުތު އެއާޕޯޓުން އެމީހުން އެއްވެސް ވަރަކަށް ސްކްރީން ކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން ވަނީ ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގައި ތިބުމަށް ފަހު އިންޑިއާ އަށް އަންނަ މީހުން އަމިއްލައަށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހާޒިރުވެ، ސްކްރީނިން ކުރިއަށް ގެންދިއުމަށް މިއަދު އިލްތިމާސް ކޮށްފައެވެ.

އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 39 އަށް އަރާފައެވެ.

އިންޑިއާ އަކީ ކޮވިޑް-19 ފެތުރެން ފެށުމުން އެންމެ ފުރަތަމަ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ޗައިނާގައި ކޮވިޑް-19 ޖެހިގެން މީހުން މަރުވަމުންދާކަން ޗައިނާ ސަރުކާރުން ހާމަކުރިޔާ ހަވަނައަށްވީ ދުވަހު އިންޑިއާ އިން ވަނީ އެއާޕޯޓްތަކުގައި މީހުން ސްކްރީން ކުރަން ފަށާފައެވެ. ނަމަވެސް ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އިންޑިއާ އިން ރިޕޯޓް ކުރާ ކޮވިޑް-19 ގެ ކޭސްތައް ވަނީ އިތުރު ވެފައެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ ހަލައްކަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ މަންޖެ

    އިންޑިޔާ މީހުން ރާއްޖެ އައުން ހުއްޓުވާކަށް ނުވޭތާ؟