ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޤަތަރުން އިތުރު 238 މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
ޤަތަރުން ކޮވިޑް-19 ފެނުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެގައުމުން ވަނީ ކޮވިޑް-19 ފެތުރުމާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހުރިހާ ސްކޫލަކާއި، ޔުނިވަސިޓީތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކޮވިޑް-19 ބޮޑަށް ފެތުރިފައިވާ ގައުމުތަކާއި ދެމެދު ކުރަމުން އައި ފްލައިޓް ދަތުރުތައް ވެސް ވަނީ ހުއްޓާލާފައެވެ.
ޤަތަރުން މިހާރު ވަނީ 14 ގައުމެއްގެ މީހުން އެގައުމަށް އެތެރެވުން ވެސް މަނާކޮށްފައެވެ. އެއީ ބަންގްލަދޭޝް، ޗައިނާ، މިސްރު، އިންޑިއާ، އީރާން، އިރާޤު، ލުބުނާން، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ދެކުނު ކޮރެއާ، ސްރީލަންކާ، ސީރިއާ އަދި ތައިލެންޑް މީހުންނެވެ.
"އެގައުމުތަކުގެ ހުރިހާ ރައްޔިތުންގެ މައްޗަށް މިނިންމުން ތަންފީޒު ވާނެ. އޭގެ ތެރޭގައި އޮން އެރައިވަލްގައި ވިސާ ލިބޭނެ ފަރާތްތަކާއި ޤަތަރުގައި ދިރިއުޅުމަށް ރެސިޑެންސް ވިސާ އޮތް ފަރާތްތަކާއި، ވޯކް ޕާމިޓް އޮތް ފަރާތްތަކާއި، އަދި އެހެނިހެން ބޭނުންތަކަށް ޤަތަރަށް ދަތުރު ކުރާ ފަރާތްތައް ވެސް ހިމެނޭނެ." ޤަތަރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޤަތަރު ސަރުކާރުން ވަނީ އެންމެ ގިނައި ބަލި މީހުން ފެނުނު ދެ ސަރަހައްދެއްގައި ޝީޝާ ބުއިން ވެސް މަނާކޮށްފައެވެ. ޝީޝާ އަކީ ޤަތަރުގެ އާއްމުންގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ. ގިނަ އަދަދެއްގެ ޝީޝާ ބާތައް ޤަތަރުގައި ހިންގައެވެ.
ފައްސިވުމަކީ ޕޮޒިޓިވް އަށް ދިވެހިން ކިޔާ ބަސްތަ؟ އެހެންވިއްޔާ އޭ ޕޮޒިޓިވް ލެޔަށް ދިވެހިންކިޔާނީ އަލިފު ފައްސި ދޯ