ކެނެޑާގެ އެންމެ ބޮޑު އެއް ރަށްކަމުގައިވާ ޓޮރޮންޓޯގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނަކުން މަގުމަތީގައި ހިނގަމުންދިޔަ މީހުންގެ ގައިގައި ޖައްސައި ހަމަލާދީ 10 މީހަކު މަރާލައިފިއެވެ.

އެ ހަމަލާގައި 15 މީހަކު ޒަހަމްވިއިރު ހަމަލާދިން މީހާ ވަނީ އޭގެ ވަގުތުކޮޅެއްފަހުން އެ ހަމަލާދިން ސަރަހައްދާއި މާ ދުރުނޫން ސަރަހައްދަކުން ހައްޔަރުކޮށްފައެވެ. ގަސްތުގައި ދިންކަމަށް ބެލެވިފައިވާ މި ހަމަލާ ތަހުގީގު ޓޮރޮންޓޯގެ ފުލުހުން ފަށާފައިވާއިރު އެ ހަމަލާދިން މަގުސަދެއް އަދި ހޯދިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަލާދީފައިވާކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރެވިފައިވަނީ އެލެކް މިނެސިއަން ނަމަކަށްކިޔާ 25 އަހަރުގެ މީހެއްކަމަށް ކެނެޑާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯއިން ވަނީ ފުލުހުން އޭނާ ކައިރީގައި ބިންމަތީގައި އޮށޯތުމަށް އަމުރުކުރާ މަންޒަރު ފެނިފައެވެ. އޭނާ ހައްޔަރުކުރެވިގެންދިޔައީ އެއްވެސްކަހަލަ ހަމަނުޖެހުމަކާއި ނުލައެވެ. އެލެކް އެ ހަމަލާދީފައިވަނީ ވޭން ބޭނުންކޮށްގެން ބާރު ސްޕީޑުގައި ދުއްވައި ދުވާރުމަތިން ހިނގާފައިދިޔަ އާންމުންގެ ގައިގައި ޖައްސައިގެންނެވެ.

ހަމަލާއާއި ބެހޭގޮތުން ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ޓޮރޮންޓޯގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާކަމަށާއި އަދި ހަމަލާގެ އަސަރުކޮށްފައިވާ މީހުންނަށް ހެޔޮއެދޭކަމަށާއި، އެވަގުތު އެތަނަށް ހާޒިރުވި އެންމެ ފުރަތަމަ ރައްދު ދޭ ފަރާތްތަކުގެ މަސައްކަތަށްޓަކައި ޝުކުރުވެރިވާކަމަށްވެސް ވިދާޅުވެ ޓްވީޓްކޮށްފައެވެ.

ހަމަލާގެ މަންޒަރު ދުށް މީހުން ބުނާގޮތުގައި ވޭން ދުއްވަންއިން މީހާ ދިޔައީ ވޭން ކުރިމަތީގައި ހުރި ކޮންމެ އެއްޗެއްގައި ޖެއްސުމަށް މަސައްކަތްކުރަމުންކަމަށާއި އަދި އެ ހަމަލާއަކީ ގަސްދުގައި ދިން ހަމަލާއެއްކަމަށް ބުނެފައެވެ. މީސް މީޑިޔާގައިވެސް ގިނަ ބަޔަކު ވަނީ އެ ހަމަލާއާއި ގުޅިގެން ލިބުނު ސިހުމުގެ ޝުއޫރު ފާޅުކޮށް އެފަދަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފައެވެ.