ފާއިތުވި 24 ގަޑިއިރުތެރޭ ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ބައްޔަށް ޓެސްޓު ކޮށްފައިވާ 211 މީހަކު އެ ބައްޔަށް ނައްސި ވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު މިހާތަނަށް 226 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިހާތަނަށް އައިއިރު ކޮވިޑް-19 އަށް ފްލޫ ކްލިނިކް ސެނެހިޔާއިން 1029 ފަރާތެއް ބަލާފަވާއިރު، ޓްރެވެލް ކްލިނިކް އިން 271 ފަރާތަކަށް ފަރުވާ ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ހުންނަ އެކްޕެޑް ކްލިނިކުން 65 ފަރާތަކަށް ފަރުވާ ދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު ޓެސްޓް ހަދާފައިވާ މީހުންގެ އަދަދު 226 އަށް އަރާފައިވާއިރު މީގެ ތެރެއިން 15 މީހުން ފިޔަވައި ބާކީ ހުރި މީހުންގެ ނަތީޖާ ވަނީ ނައްސި ވެފައެވެ.

"މިއަދު ބެލި އަދަދަށް ބަލާއިރު، ސެނެހިޔާ ކްލިނިކުން 169، ޓްރެވެލް ކްލިނިކުން 34، އެކްސްޕެކްޓް ކްލިނިކުން 23 ފަރާތެއް ވަނީ ބަލާފައި" މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ފައްސި ވެފައިވަނީ ހުސް ބިދޭސީންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 13 އަށް އަރާއިރު މިހާރު ސަރުކާރުން ވަނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުގެ އޮފީސްތައް ވެސް ވަނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކޮށްފައެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންވެސް ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު