ކޮވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ސްރީލަންކާ އިން ކާބޯތަކެއްޗާއި، ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި ހުސްނުވާނެ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސަ މިހެން ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާ އިން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު އާއްމު ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް ގައުމީ ޓީވީ މެދުވެރިކުރައްވާ ގައުމާއި މުހާތަބު ކުރައްވަމުންނެވެ.

"ކޮވިޑް-19 ފެތުރެން ފެށުމުން މުޅި ދުނިޔެއަށް ވެސް މިވަނީ ވަރަށް އުނދަގޫ ހާލަތަކާއި ކުރިމަތިވެފައި. އެހެންކަމުން ލަންކާ ވެސް އެކަމުން އިސްތިސްނާއެއް ނުވާނެ. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ މިބަލިމަޑުކަމާއި ކުރިމަތިލާން ވަރުގަދައަށް ތައްޔާރުވުން. އެކަން މިދަނީ ކުރަމުން. ފުރަތަމަ ދުވަހުން ފެށިގެން ހާލަތު ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް މިގެންދަނީ އަޅަމުން." ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ލަންކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން ގެންދާނީ އަޅަމުންނެވެ.

"ލަންކާގައި ކާބޯތަކެއްޗާއި، ބޭސް، އަދި ތެޔޮ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި މަސްތަކަކަށް ފުދޭވަރަށް އެބަހުރި. އެހެންކަމުން އެއްވެސް ރައްޔިތަކު ކަންބޮޑުވެ ހާސްވާކަށް ނުޖެހޭ." ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ މި އުނދަގޫ ހާލަތުން އަރައިގަތުމަށް އެންމެ ބޭނުން ވަނީ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތައް އަމަލުތައް ބެހެއްޓުމެވެ. "އެބޭފުޅުން ވިދާޅުވާ ގޮތައް އަމަލުތައް ބަހައްޓަވާނަމަ މިބަލިމަޑުކަމުން އަރައިގަތުމަކީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް." ރާޖަޕަކްސަ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސްރީލަންކާ ސަރުކާރުން ވަނީ މިރޭ އިރުއޮއްސި 18:00 އިން ފެށިގެން ހޯމަ ދުވަހު ހެނދުނު 06:00 އާއި ހަމައަށް ކާފިއު އިއުލާން ކޮށްފައެވެ. މިވަގުތަކުގައި މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.