ކޮވިޑް-19 ޖެހިގެން ފިންލޭންޑުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ފިންލޭންޑުގެ އިންސްޓިޓިއުޓް ފޯ ހެލްތް އެންޑް ވެލްފެއަރ އިން މިކަން ކަށަވަރުކޮށްދީފައި ވާއިރު، އެ އިންސްޓިޓިއުޓުން ބުނެފައި ވަނީ، ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ.

މިއަދު ފިންލޭންޑުން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައި ވާއިރު، އެޤައުމުގައި މިހާތަނަށް 521 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. އޭތެރެއިން އަދި ރަނގަޅުވެފައި ވަނީ ދިހަ މީހެކެވެ.

އިދާރާތަކުން ބުނާގޮތުގައި އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

ފިންލޭންޑު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 186 ޤައުމަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. މިހާތަނަށް ދުނިޔެއިން ޖުމްލަ 286905 މީހަކު މި ވައިރަސް އަށް ފައްސި ވެފައިވާއިރު، 11889 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. އިދާރާތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19 އިން ސަލާމަތްވެފައި ވަނީ 93602 މީހެކެވެ.

ކޮވިޑް-19 އަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މި ވައިރަސް އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ވައިރަސް އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް ފެތުރޭ ނިސްބަތް، ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު