ކޮވިޑް-19 ޖެހިގެން މެލޭޝިއާގައި ފަރުވާދެމުން ދިޔަ އިތުރު ފަސް މީހަކު މަރުވެއްޖެ އެވެ.

މިއަދު އެކަނިވެސް ފަސް މީހަކާއި އެކު މުޅި ޖުމްލަ އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްފަދައިން މެލޭޝިއާއަށް ވެސް ކޮވިޑްގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާއިރު، މިހާތަނަށް އެޤައުމުން 1183 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން ބަލިން ރަނގަޅުވީ 114 މީހެކެވެ.

އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެލޭޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ.

މެލޭޝިއާ ހިމެނޭ ގޮތަށް މިހާތަނަށް ދުނިޔޭގެ 186 ޤައުމަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. މުޅި ދުނިޔެއިން މިހާތަނަށް ޖުމްލަ 287326 މީހަކު މި ވައިރަސް އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން 11893 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު