ކޮވިޑް-19 ޖެހިގެން ފްރާންސުން އަނެއްކާވެސް އިތުރު ދެ ޑޮކްޓަރަކު މަރުވެއްޖެއެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ފްރާންސުން ވަނީ ޖުމްލަ ތިން ޑޮކްޓަރަކު މަރުވެފައެވެ.

މިއަދު މަރުވި ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކީ 66 އަހަރުގެ ގައިނޮކޮލޮޖިސްޓެކެވެ. އޭނާ އަކީ ހޯޓް ރިން ނަމަކަށް ކިޔާ ސަރަހައްދުގައި ހުންނަ "ޑައިކޮނަޓް" ނަމަކަށް ކިޔާ ކްލިނިކެއްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެކެވެ. އޭނާ ވަނީ އެ ކްލިނިކްގައި 35 އަހަރު މަސައްކަތް ކޮށްފައެވެ.

ޖީން މެރީ ނަމަކަށް ކިޔާ ޑޮކްޓަރުގެ މަރާއި ގުޅިގެން އޭނާ މަސައްކަތް ކުރި ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނީ ޖީންގެ ޚިދުމަތްތައް ދުވަހަކު ވެސް ހަނދާން ނެތިގެން ނުދާނެ ކަމަށެވެ.

އޭނާ އަށް ކޮވިޑް-19 ޖެހިފައި ވަނީ އޭނާ ކައިރިއަށް އައި ބަލި މީހެއްގެ ފަރާތުންނެވެ. ބަލީގެ އަލާމާތްތައް ފެނިގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މީގެ އަށް ދުވަސް ކުރިންނެވެ. ހާލު ދެރަވެގެން މިދިޔަ ހޮނިހިރު ދުވަހު އޭނާ އެހެން ހޮސްޕިޓަލަކަށް ވެސް ބަދަލު ކުރިއެވެ. ނަމަވެސް ކޯމާއެއްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ވަނީ މަރުވެފައެވެ.

ދެން މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ޑޮކްޓަރެކެވެ. މޮސެލީ ނަމަކަށް ކިޔާ ޑޮކްޓަރު ވެސް މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ފްރާންސުން މީގެ ކުރިން މަރުވެފައި ވަނީ 67 އަހަރުގެ ޑޮކްޓަރެކެވެ.

މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ފްރާންސް ހިމެނެއެވެ.

ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 186 މީހަކު މިއަދު ވެސް މަރުވިއެވެ. މިއަދަކީ ކޮވިޑް-19 ޖެހިގެން ފްރާންސުން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު