ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމުގެ އެންމެ ކުރީ ސަފުގައި 35 ދުވަސް ވަންދެން މަސައްކަތް ކުރި ޗައިނާގެ އުމުރުން 29 އަހަރުގެ ޑޮކްޓަރަކު ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

މަރުވި ޑރ.ޑޮންގް ޓިއަން އަކީ ހޭނައްތާ ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރަމުން އައީ ހުބެއީ ޕްރޮވިންސްގެ ހޮސްޕިޓަލެއްގައެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ މަރުވިއިރު އޭނާގެ 30 ވަނަ އުފަން ދުވަސް އަންނަ ހަފްތާގައި އަންނާނެއެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން ގެންދިޔަ ޑޮކްޓަރު މަރުވީ 19 ދުވަސް ވަންދެން އައިސީޔޫގައި އޮތުމަށް ފަހު އެވެ. މިމަހުގެ 03 ވަނަ ދުވަހު އޭނާ އަށް ފަރުވާ ދޭން ފެށީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

މަރުވިއިރު ޑޮކްޓަރ ޑޮންގްގެ އަންބަކާއި ބައްޕަ ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ ބައްޕަ އޮތީ ބަލިވެ އެނދުމަތި ވެފައެވެ.

ޑޮކްޓަރ ޑޮންގްގެ ޖަނާޒާ ބާއްވާފައި ވަނީ އޭނާ ދިރިއުޅެމުން އައި ޑަންގީޔަންގް އަވަށުގައެވެ. އެއަވަށުގެ ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެ އޭނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ. "ތިއީ ކޮރޯނާ ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރި ބަޠަލެއް" ކަމަށް ބުނެ ލިޔުންތައް ލިޔެފައިވާ ބެނާތައް ހިފައިގެން އަވަށުގެ މީހުން މަގުމައްޗަށް ނިކުމެ ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ޑރ.ޑޮންގް ކުރަމުން އަންނަތާ 35 ދުވަސް ފަހުން އޭނާ އަށް ފެބްރުއަރީ 29 ވަނަ ދުވަހު ޗުއްޓީއެއް ދިނެވެ. އެހައި ހިސާބުން އޭނާ ދިޔައީ އާއިލާ އާއި ބައްދަލު ކުރުމުގެ ކުރިން ކަރަންޓީން ވާށެވެ. ކަރަންޓީންގައި ހުއްޓާ ކުއްލިއަކަށް ބޮލުގައި ރިއްސައި ގަނެ، ވާހަކަ ދައްކަން އުނދަގޫތަކެއް ކުރިމަތިވިއެވެ.

ޑޮކްޓަރަށް ފަރުވާ ދިން ހޮސްޕިޓަލުން ބުނީ އޭނާ އަށް ފަރުވާ ދިނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި، އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ވެސް ޗައިނާގެ ބައެއް ޑޮކްޓަރުންނާއި، ސިއްހީ އެހީތެރިން މަރުވެފައި ވެއެވެ. ނަމަވެސް މަރުވި މީހުންގެ އަދަދު ޗައިނާ ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގގަަ

    އެހާ ބުރަކޮއް އުޅެފަ ކުއްލިއަކަށް ލު އި ވުމަކީ ހިތް ހުއްޓިދާނެކަމެއް