ކޮވިޑް-19 ފެތުރޭ މިންވަރު ހަލުވި ވާން ފަށައިފި ކަމަށާއި އެހެންކަމުން ގައުމުތަކުން އެކަމަށް ވިސްނަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ ކޮވިޑް-19 ފެތުރުން ހަލުވިވަމުންދާ މަންޒަރު ކަމަށެވެ.

"100000 ކޭސް ހަމަވީ 67 ދުވަހުން. ދެވަނަ 100000 ހަމަވާން ނެތީ 11 ދުވަސް. އަދި ތިން ވަނަ 100000 ހަމަ ވެއްޖެ އެންމެ ހަތަރު ދުވަހުން." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅެއްގެ ގޮތުން ވަރަށް ގިނަ ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކުރަމުން ގެންދާތީ ޓެޑްރޯސް ވަނީ އެއީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ އެކަން ފާހަގަ ކުރައްވާފައެވެ. ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކަށް އިޖާބަދީ އާއްމުން ގޭގައި މަޑުކުރަން ޓެޑްރޯސް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހުނު ނަމަވެސް ވީވަރަކުން އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުމަށް ޓެޑްރޯސް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ޓެޑްރޯސް ވިދާޅުވީ ހަމައެކަނި ގައުމުތައް ފުރަބަންދު ކޮށްގެން ވައިރަސް އިން ސަލާމަތް ނުވެވޭނެ ކަމަށެވެ.

"މިހަނގުރާމަ ކާމިޔާބު ކުރުމަށް އަހަރެމެން އެބަޖެހޭ ވައިރަސް އާއި ކުރިމަތިލާން. ބަލި ޖެހިފައި ހުރި ކަމަށް ބެލެވޭ ހުރިހާ އެންމެން ޓެސްޓް ކުރަން ޖެހޭ. ބަލި ޖެހިފައިވާ ކަމަށް ބެލެވޭ މީހުން އެކަހެރި ކުރަން ޖެހޭ. ބަލި ޖެހިފައިވާކަން ޔަގީން ކުރެވޭ އެންމެނަށް އަޅާލައި އެމީހުންނަށް ފަރުވާ ކުރަން ޖެހެ. އެމީހުންނާއި ކައިރީގައި އުޅުނު އެންމެން ދެނެގަނެ އެމީހުން ކަރަންޓީން ކުރަން ޖެހޭ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް 16500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 381000 އަށް އަރައެވެ.

ކޮވިޑް-19 ހުއްޓުވަން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށް، ފުރަބަންދު ކޮށްފައި ވީނަމަވެސް އަދިވެސް ބަލި ފެތުރުން ގިނަ ގައުމުތަކުގައި ކޮންޓްރޯލެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަތުރު

    ރާއްޖެ ތިޔާ ތަފާތު ފަތުރުވެރިން ނަށް މަރުހަބާ ކިޔާފަ ގައުމުގެ ރަތްޔިތުމީހާ ކަރަންޓީން މިދަޑިވަލުވެސް މި ބަލަނީ ޑޮލަރެއް ވެއްދޭތޯ

    18
    1
  2. ހަސަން ފޭދޫ

    ތިވާހަކަ މަބްރޫކް ބުނެދީފި މާކުރިން.

    14
    1
  3. އާދޭސް

    ރާއްޖޭގައި މިނިވަން ކަމާއެކު ޗުއްޓީ ހެދުމުގެ ފުރުސަތު ފަރަންޖީންނަށް ދޭން މަސައްކަތްކުރާ ވަރުން ރައްޔިތުމީހާ ތަޅު އެޅުވެން މިޖެހެނީ. މިއަށްވުރެ މާ ރަނގަޅަށް ހަމަޖެހެން އޮތްކަމެއް މިއީ. ހެޔޮނުވާނެ. އިޚްލާޞްތެރި ކަމައެކު ގައުމާމެދުގައި ވިސްނަދީބަލަ ޒިންމާދާރު މަގާމްތަކުގައި ތިބި މީހުންގެ ހިއްސާ ރެސޯޓުތަކުގައި އޮތެއްކަމަކު. އަދި އެވެރިންގެ ޖީބަށް ވަންނަ ޑޮލަރު ކަމުގައި ފަރަމްޖީން ކުރާ ހޭދަ ވެގެން ގޮސްފައި ވިއެއްކަމަކު

  4. ޙަސަނު

    ތި މީހުން އެންމެ ފުރަތަމަ ބުނީ '' އަދި ބިރުގަންނާކަށް ނުޖެހެއޭ ނުރައްކަލެއް ނެތޭ '' އެކަމު މި ވައިރަސް ތި މީހުންގެ '' ބަޑީސް '' ޤައުމުތަކަށް ފެތުރެން ފެށީމަ ތި އުޅެނީ އެލާރޓް 100 އަށް އަރުވައިގެން - ޝޭމް އޮން ޔޫ ޑ އެޗ އ !!!