ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޗައިނާގެ ހުބެއީ ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް މާދަމާ ހުޅުވާލާ، އެ ޕްރޮވިންސްގެ މީހުންނަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާ އިން ކުރި "ހަނގުރާމަ" ކާމިޔާބުކޮށް، ޗައިނާ މިހާރު އަންނަނީ އާއްމު ހާލަތަކަށް ރުޖޫއަ ވަމުންނެވެ. މާދަމާ ހުބެއީ ޕްރޮވިންސް ހުޅުވާލުމަކީ ޗައިނާގެ ހާލަތު ރަނގަޅު ވެއްޖެކަމުގެ މިސާލެކެވެ. ހުބެއީ ޕްރޮވިންސް މާދަމާ ހުޅުވާލި ނަމަވެސް ހުބެއީ ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ ވޫހާން ހުޅުވާލަން ހަމަޖެހިފައި ވަނީ އޭޕްރީލް 08 ވަނަ ދުވަހު އެވެ.

ކޮވިޑް-19 ޑިސެމްބަރ މަހު ފެތުރެން ފެށީ ވޫހާން ގައެވެ. ހުބެއީ ޕްރޮވިންސަށް ވައިރަސް ފެތުރެން ފެށުމުން ޗައިނާ އިން ވަނީ ޖަނަވަރީ މަހު މުޅި ހުބެއީ ޕްރޮވިންސް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅުނު އެންމެ ބޮޑު ބާރަކީ ވަރަށް އަވަހަށް ހުބެއީ ޕްރޮވިންސް ފުރަބަންދު ކުރެވުމެވެ. އެނިންމުން ނިންމަން ޗައިނާ ސަރުކާރުން އިތުރު ވަގުތު ނެގިނަމަ ޗައިނާގެ ހާލަތު ލަފާކުރަން ވެސް ނޭނގޭ ވަރަށް ގޯސްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 ހުބެއީ ޕްރޮވިންސްގައި ފެތުރެން ފެށުމުން ޗައިނާގެ އެހެން ސަރަހައްދުތަކުން ހުބެއީ ޕްރޮވިންސަށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތައް 40000 ސިއްހީ އެހީތެރިން ދިޔައެވެ. ނަމަވެސް މިހާރު އެމީހުން ވަނީ އެމީހުންގެ މަސައްކަތް ނިންމުމަށް ފަހު އެނބުރި އެމީހުންގެ ސިޓީތަކަށް ގޮސްފައެވެ.

މިހާރު ޗައިނާ އިން ކޮވިޑް-19 ފެތުރުން ވަނީ ހުއްޓުވިފައެވެ. މިހާރު ޗައިނާ އިން ގިނައިން ކޮވިޑް-19 ފެންނަމުން ދަނީ ބަލި ފެތުރެމުންދާ ގައުމުތަކުގައި ތިބެފައި ޗައިނާ އަށް ދަތުރުކުރާ މީހުންގެ ގައިންނެވެ.

ކިޔުންތެރިންގެ ހިޔާލު