ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 514 މީހަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް އެ ގައުމުން އެ ދުވަހެއްގައި ތެރޭގައި މިހާ ގިނަބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި އިޓަލީއަށް ފަހު ގައުމަކުން މި ވައިރަސް ޖެހިގެން މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރުވެސް މެއެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2696 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 6558 މީހަކަށް މި ބަލި ޖެހިފައިވާއިރު، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 39673 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 3794 އަށް އަރާފައިވާއިރު، 2355 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެެވެ.

ހަތަރު މަސް ތެރޭގައި ދުނިޔޭގެ 196 ގައުމަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ. މި ވައިރަސް ޖެހިގެން ކޮންމެ ދުވަހަކުވެސް ސްޕެއިން އިން އެތައް ބަޔަކު މަރުވަމުންދާއިރު، މި ވައިރަސް ފެތުރެންް ފެށި ގައުމު ޗައިނާގައި މި ވައިރަސް ފެތުރުން ހުއްޓި ބައެއް ސިޓީތައް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެެ.

މި ވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުުންގެ އަދަދު ވަނީ 17,147 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު