ކޮވިޑް-19 ޖެހިގެން ފަލަސްތީނުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ފަލަސްތީންގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި އެގައުމުން މަރުވެފައި ވަނީ 60 ގެ އަހަރުތައް ގުނަމުން އައި އަންހެނެކެވެ. އޭނާގެ ފިރިމީހާ އާއި އަންހެން ދަރިފުޅަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ފަލަސްތީން ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މިލްހެމް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ކޮވިޑް-19 ޖެހިގެން އަންހެން މީހާ މަރުވީ މިއަދު ހެނދުނު ކަމަށެވެ. އޭނާ އަކީ ރާމަﷲ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ބިއްދޫގައި ދިރިއުޅެމުން އައި އަންހެނެކެވެ.

"އޭނާ މަރުވި ކަމަށް ޑޮކްޓަރުން ވިދާޅުވަނީ މިއަދު ހެނދުނު. އޭގެ ކުރިން ވެސް އޭނާގެ ހާލު ސީރިއަސް." ތަރުޖަމާން އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މިއަދު ފަލަސްތީނުން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށެވެ. އެހެންކަމުން ފަލަސްތީނުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 64 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ބަލި މީހުންގެ އެންމެ ގިނައިން ފެނިފައި ވަނީ ރާމަﷲ އިންނާއި ހުޅަނގު އައްސޭރިންނެވެ.

ކޮވިޑް-19 ފަލަސްތީންގައި އިތުރަށް ފެތުރިގެން ހިނގައްޖެނަމަ ގިނަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. އެއީ ފަލަސްތީންގައި އެކަށީގެންވާ ސިއްހީ ޚިދުމަތެއް ލިބެން ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު