ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު އެމެރިކާ އިން މަރުވެއްޖެއެވެ.

އެމެރިކާގެ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކުއްޖަކީ އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ ކުއްޖެކެވެ. އެއީ 18 އަހަރު ނުފުރޭ ކުއްޖެއްކަން އޮފިޝަލުން ކަށަވަރު ކޮށްދިން ނަމަވެސް އެކުއްޖާގެ ސީދާ އުމުރު ހާމަކޮށްފައެއް ނުވެއެވެ.

ކެލިފޯނިއާގެ ލޮސް އެންޖެލިސް ކައުންޓީގެ މޭޔަރު އެރިކް ގްރެސެޓީ ވިދާޅުވީ އެއީ ފުރާވަރު އުމުރުގެ ކުއްޖެއް ކަމަށާއި އެއީ ސިއްހީ އިތުރު އެއްވެސް މައްސަލައެއް ހުރި ކުއްޖެއް ނޫން ކަމަށެވެ.

"އަހަރެމެންނާއި ވަކިވެގެން ދިޔައީ ފުރާވަރު އުމުރުގެ ކުއްޖެއް. އެއީ ސިއްހީ މައްސަލަތަކެއް ހުރި ކުއްޖެއް ނޫން. މިކުއްޖާގެ މަރުން އެނގިގެން މިދިޔައީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކޮވިޑް-19 ގެ ނުރައްކާ އެބައޮތް ކަން. ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ނުދާ ޒުވާން ކުދިންނަށް ވެސް އަދި އެހެން އުމުރުގެ މީހުންނަށް ވެސް ބަލީގެ ނުރައްކާ ވަރަށް ބޮޑުކަން." އެރިކް ވިދާޅުވިއެވެ.

ކޮވިޑް-19 ޗައިނާގައި ފެތުރެމުން ދިޔަ ދުވަސްވަރު ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވީ ކޮވިޑް-19 ޒުވާނުންނަށް ޖެހުނު ނަމަވެސް ފުރާނައަށް ނުރައްކާ ވުން މަދު ކަމަށެވެ. ނަމަވެސް ފާއިތުވި ދެތިން ހަފްތާ ދުވަސް ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ގެންދަނީ ބަލި ޖެހޭ ޒުވާނުންގެ ހާލު ވެސް ސީރިއަސްވެ، ފުރާނައަށް ނުރައްކާވުން އިތުރުވެފައިވާ ކަމަށް ބުނަމުންނެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 68000 އަށް އަރާފައެވެ. އަދި އެމެރިކާ އިން މިހާތަނަށް ވަނީ 1031 މީހަކު މިބަލީގައި މަރުވެފައެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ނިއުޔޯކުންނެވެ. ހަމައެކަނި ނިއުޔޯކުން ބަލި ޖެހުނު މީހުންގެ އަދަދު 32000 އަށް ވުރެ ގިނައެވެ. ދެން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ނިއުޖާޒީންނެވެ. އެ ސްޓޭޓުން 4200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވެސް ނިއުޔޯކުންނެވެ. ނިއުޔޯކުން 366 މީހަކު މަރުވެފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ވޮޝިންޓަނުންނެވެ. ވޮޝިންޓަނުން 132 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު