ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ފިލިޕިންސްގެ 9 ޑޮކްޓަރަކު މަރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުތަވަ ކޮވިޑް-19 ގެ އަސަރު މުޅި ދުނިޔެއަށް ކޮށްފައިވާއިރު، މި ބަލި ޖެހިފައިވާ މީހާއަށް ފަރުވާ ދޭން ކުރީ ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށް ވެސް ވަނީ މި ބަލީގެ އަސަރު ކޮށްފައެވެ.

ފިލިޕިންސްގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެގައުމުގެ ހޮސްޕިޓަލްތައް ފުރި ބަންޑުން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން ފަރުވާ ދިނުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް [ޑޮކްޓަރުން] އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ ޝަކުވާ ކޮށްފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސް ބެނިތޯ އެޓިއެންޒާ ބުނެފައިވަނީ ޓެސްޓް ކުރުމުގައި އޭނާ ހަރަކާތްތެރިވާ ނަމަ އެންމެ އިސްކަމެއް ދޭނީ ފަރުވާ ދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ހެލްތް ޕްރޮފެޝަނަލުން ކަމަށެވެ. އެގޮތުން ކޮންމެ 7 ދުވަހުން އެމީހުން ޓެސްޓް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެގައުމުން 707 މީހަކު ރިޕޯޓް ކޮށްފައިވާއިރު އޭގެ ތެރެއިން 71 މީހުންނަކީ މިއަދު ރިޕޯޓް ކޮށްފައިވާ މީހުންނެވެ. މިއަދު އެގައުމުން މި ބަލި ޖެހިގެން 7 މީހަކު މަރުވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ. މީގެ އިތުރުން 28 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު އެކަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު