ކޮވިޑް-19 ޖެހިގެން އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަޝްމީރުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. އެ ސްޓޭޓުން މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

އޭނާ މަރުވުމާއި އެކީ މިހާރު ކަޝްމީރަށް ވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރިފައެވެ. އެގޮތުން އެކަމުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ސްޕޯކްސްޕާސް ރޯހިތް ކަންސަލް ބުނެފައިވަނީ ކަޝްމީރުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާ އެ ފިރިހެން މީހާ އަކީ ކަޝްމީރުގެ މީހެއް ނޫން ކަމަށާއި އޭނާ އަކީ ސްރިނަގަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެ ސަރަހައްދުން ބޭރަށް ދަތުރު ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ އާއި އެކީ އުޅުނު އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ރޯހިތް ވަނީ ބުނެފައެވެ.

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އިންޑިއާގެ ބޮޑެތި ސިޓީތަކުގައި މީގެ ކުރިން ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އެހެން ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މުޅި އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރުމަށް ނިންމާފައެވެ.

އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން 13 މީހަކު މަރުވެފައިވާއިރު ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 693 އަށް އަރާފައެވެ. މީހުން މަރުވެފައިވާ ސްޓޭޓް ތަކުގެ ތެރޭގައި ހިމެނެނީ ކެރެލާ، ޕަންޖާބް، މަހަރަސްތްރަ، ކާނަޓަކަ، ތަމިލް ނާޑު، ކަޝްމީރުގެ އިތުރުން އުއްތަރަ ޕްރަދޭޝްއެވެ.

ކިޔުންތެރިންގެ ހިޔާލު