ކޮވިޑް-19 އަށް ތައްޔާރު ކުރަމުން އަންނަ ވެކްސިން ބޭނުން ކުރުމުގެ ކުރިން އިތުރު އެހެން ފަރުވާއެއްވެސް އުފެއްދިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސައިންސްވެރިން މިހާރު އަންނަނީ ނުރައްކާތެރި ކޮވިޑް-19 ވައިރަސް އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ރެޔާއި ދުވާލު ކުރަމުންނެވެ. ވެކްސިން އުފެއްދުނު ނަމަވެސް ބޭނުން ކުރަން ފެށޭނީ ވަރަށް ގިނަ ޓެސްޓް ތަކަށް ފަހުއެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 އަށް 20 އަށްވުރެ ގިނަ ވައްތަރުގެ ވެކްސިން އަންނަނީ ތައްޔާރު ކުރަމުން. މިއަދާއި ހަމައަށް ސީދާ ކޮވިޑް-19 ނައްތާލުމަށް ވެކްސިން އުފެއްދިފައި ނުވިއަސް ސައިންސްވެރިން އަންނަނީ އެ މަސައްކަތް ކުރަމުން" ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެހެން ކަމުން ކޮވިޑް-19 އަށް ވަކިން ހާއްސަ ވެކްސިނެއް އުފެއްދި، ބޭނުން ކުރަން 12 ނުވަތަ 18 މަސް ނަގާއިރު އިތުރު ފަރުވާތަކެއް ވެސް ހޯދުން ދުރެއް ނޫން ކަމަށް ސިއްހަތާއި ބެހޭ މާހިރުން ގަބޫލު ކުރައްވައެވެ.

ޓެކްސަސްގެ ސިޓީއެއް ކަމަށްވާ ހޮސްޓޮންގެ ބައިލާ ކޮލެޖް އޮފް މެޑިސިންސް ނޭޝަނަލް ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިންގެ ޕްރޮފެސަރ ޕީޓާ ޖޭއި ހޮޓެޒް ބުނެފައިވަނީ މިހާރު ކޮވިޑް-19 އިން ސަލާމަތްވުމަށް ބޭނުން ކުރެވޭނެ ހަމަ އެކަނި ފަރުވާ އަކީ ބަލި ޖެހި ރަނގަޅުވެފައިވާ މީހެއްގެ ހަށިގަނޑުގެ "އެންޓިބޮޑީސް" ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑަށް ޖެހުން ކަމަށެވެ.

ދެހާސް ސާދަވަނަ އަހަރު އާންމު ކޮށްފައިވާ "ޖާނަލް އޮފް އިންފެކްޝަސް ޑިޒީސް" ގައި ސައިންސްވެރިން ވަނީ ބަލި ޖެހި ރަނގަޅުވެފައިވާ މީހެއްގެ ޕްލާސްމާ ބޭނުން ކޮށްގެން ބަލި ޖެހިފައިވާ މީހަކު ރަނގަޅު ވެވޭނެ ގޮތް ކިޔާދީފައެވެ. އަދި އެގޮތަށް ކަން ކުރުމުން ބަލީގެ ސަބަބުން މީހުން މަރުވާ އިންސައްތަ ދަށްވާނެ ކަމަށް ބުނެފައެވެ.

އޭނާ ވަނީ މިގޮތަށް މިފަދަ ވައިރަސްތަކަށް ފަރުވާ ހުންނާނެ ކަމަށާއި ހޯދަން އުނދަގޫވާނެ ކަމަށް ބުނެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ 189 ގައުމަކަށް ފެތުރިފައިވާއިރު، މިހާތަނަށް 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި 18,000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު