ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު ވެސް އިތުރު 712 މީހުން މަރުވެއްޖެއެވެ.

މިއީ އިއްޔެ އަށް ވުރެ އިތުރު އަދަދެކެވެ. އިއްޔެ އިޓަލީވިލާތުން މަރުވީ 683 މީހުންނެވެ.

މިއަދު އިޓަލީވިލާތުން މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 8215 އަށް އަރާފައެވެ. މިއަދު އިތުރު 6153 މީހުން އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް އެގައުމުން ވަނީ 80539 މީހުން ފައްސިވެފައެވެ.

އިއްޔެ އަށްވުރެ މިއަދު ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރެވެ. އިއްޔެ އިޓަލީވިލާތުން ފައްސިވީ 5210 މީހުންނެވެ.

މިހާތަނަށް 10361 މީހަކު ބަލިން ރަނގަޅު ވެފައި ވާއިރު 3612 މީހެއްގެ ހާލު ސީރިއަސްއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިޓަލީވިލާތުން މިމަހުގެ 09 ވަނަ ދުވަހު ބައެއް ސަރަހައްދުތައް ފުރަބަންދު (ލޮކްޑައުން) ކުރިއެވެ. އޭގެ ދެދުވަސް ފަހުން 12 ވަނަ ދުވަހު މުޅި ގައުމު ފުރަބަންދު ކުރިއެވެ. ނަމަވެސް އަދިވެސް ހުރިހާ ސަރަހައްދެއްގައި މީހުން ބޭރަށް ނިކުމެ އުޅުން މަނައެއް ނުކުރެއެވެ.

ކޮވިޑް-19 ފެތުރުން އިޓަލީވިލާތުގައި ކޮންޓްރޯލުން ނައްޓާލައިގެން ދިޔައީ ވެސް ބައްޔާއި ދެކޮޅަށް ފިޔަވަޅު އެޅުން މާބޮޑަށް ލަސްކުރުމުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިހާރު ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިޓަލީވިލާތުގައި ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ ގައުމު ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު