މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދާއި ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ.

މިއަދު މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 2390 މީހުން މިއަދު މަރުވެއްޖެއެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވީ އިއްޔެ އެވެ. އިއްޔެ 2388 މީހުން މަރުވިއެވެ. 24 ވަނަ ދުވަހު 2381 މީހަކު މަރުވިއެވެ. 23 ވަނަ ދުވަހު މަރުވީ 1873 މީހުންނެވެ.

މިއަދު މިހާތަނަށް 51 ގައުމަކުން މީހުން މަރުވެފައި ވެއެވެ. މިއަދު ބައެއް ގައުމުތަކުން މަރުވި މީހުންގެ އަދަދުތައް އަދި ނުލިބޭތީ މަރުވި ގައުމުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

މިއަދު މިހާތަނަށް 49392 މީހުން ވަނީ ފައްސި ވެފައެވެ. އިއްޔެ 48461 މީހުން ފައްސިވިއެވެ. 24 ވަނަ ދުވަހު 43544 މީހުން ފައްސިވިއެވެ. 23 ވަނަ ދުވަހު 41371 ފައްސިވިއެވެ.

ކޮވިޑް-19 އަށް މީހުން ފައްސިވަމުންދާ އަދަދާއި މަރުވަމުންދާ އަދަދަށް ބަލާއިރު އަދި ގިނަ ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވެމުންދަ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަދި އެތައް ހާހަކަށް އިތުރުވެގެން ދާނެއެވެ.

މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އިޓަލީވިލާތުގެ ހާލަތު ދުވަހުން ދުވަހަށް އަދިވެސް ދަނީ ގޯސްވަމުންނެވެ. އެމެރިކާ އާއި ސްޕޭން އަދި ފްރާންސްގެ ހާލަތު ވެސް ފެންނަނީ ގޯސްވަމުންދާ މަންޒަރެވެ.

ކޮވިޑް-19 އިން ސަލާމަތްވާން ދުނިޔޭގެ ގިނަ ގައުމުތައް ވަނީ މިހާރު ވެސް ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ގައުމުތައް ފުރަބަންދު ކުރުމުގެ ސަބަބުން ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އިޤުތިޞާދީ ގިނަ މަސައްކަތްތައް ކުރިއަކަށް ނުދެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ހިއްސާގެ ބާޒާރުތައް ކޮންމެ ދުވަހަކު ދަނީ ދަށްވަމުންނެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު ދުނިޔެއަށް ކުރިމަތިވެފައި މިވާ ހާލަތުން އަރައިގަންނަން 18 ވަރަކަށް މަސްދުވަސް ވެސް ހޭދަވުން އެކަށީގެންވެއެވެ،