ކޮވިޑް-19 ޖެހުނު އިޓަލީވިލާތުގެ އުމުރުން 101 އަހަރުގެ މީހަކު ރަނގަޅު ވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިޓަލީވިލާތުގެ މީޑިއާތަކުން އޭނާގެ ފުރިހަމަ ނަން ހާމަކޮށްފައެއް ނުވެއެވެ. އޭނާ އާއި މުހާތަބު ކޮށްފައި ވަނީ "މރ.ޕީ" ގެ ނަމުންނެވެ.

ޕީ އަކީ 1918 ވަނަ އަހަރުން ފެށިގެން 1920 ވަނަ އަހަރާއި ހަމައަށް ފެތުރުނު މަޝްހޫރު "ސްޕެނިޝް ފުލޫ" ޖެހި އެރޯގާ އިން ވެސް ސަލާމަތްވި މީހެކެވެ. ސްޕެނިޝް ފުލޫ އަކީ ދެވަނަ ބޮޑުހަނގުރާ ނިމުނު ފަހުން ދުނިޔޭގެ ވަރަށް ހަލުވިކޮށް ފެތުރުނު ރޯގާއެކެވެ. އެ ރޯގާ ޖެހިގެން 50 މިލިއަން މަރުވި ކަމަށް ވެއެވެ.

ކޮވިޑް-19 ޖެހުނު އިޓަލީވިލާތުގެ މރ.ޕީ އެޑްމިޓް ކުރީ ރެމިނީ ނަމަކަށް ކިޔާ ސަރަހައްދުގައި ހުރި އިންފާމީ ނަމަކަށް ކިޔާ ހޮސްޕިޓަލަކަށެވެ. މިހާރު އޭނާ ވަނީ ބަލިން ރަނގަޅު ވުމުން ގެއަށް ދޫކޮށްލާފައެވެ.

އިޓަލީވިލާތުގެ ބައެއް ސަރަހައްދުތަކުގައި ހުންނަ ހޮސްޕިޓަލްތަކަށް ކޮވިޑް-19 ޖެހިގެން ދައްކާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ވެންޓިލޭޓަރު ގުޅަން ޖެހިއްޖެނަމަ ނުވަތަ އައިސީޔޫއަށް ލާން ޖެހިއްނެމަ އެމީހުންނަށް ފަރުވާ ނުދީ މަރުވާން ދޫކޮށްލައެވެ. އެއީ ހާލަތު ގޯސްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަވުމުންނާއި، ވެންޓިލޭޓަރާއި އައިސީޔޫ ބޭނުންވާ އެންމެނަށް އެވަސީލަތްތައް ނެތުމުންނެވެ.

ބަލިން ރަނގަޅުވި 101 އަހަރުގެ މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީވިލާތެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އެގައުމުންނެވެ. މިހާތަނަށް 8215 ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އަލްހަމްދު ލިﷲ. މާޝާﷲ