ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮވިޑް-19 އާ ގުޅިގެން އެބަލިން ރައްކާތެރިވެ ތިބުމަށް ކަމަށްބުނެ ވިހަ މާއްދާއެއް ކަމަށްވާ "މެތަނޯލް" ބުއި ގިނަ ބަޔަކު މަރުވެއްޖެ އެވެ. މިކަން ހިނގާފައިވަނީ އީރާނުގައެވެ.

މެތަނޯލް އަކީ ރަލުގެ ބާވަތެކެވެ. މި މާއްދާ އަކީ އާދައިގެ ރަލަށްވުރެ ވިހަ ގަދަ އަދި ނުރައްކާތެރި މާއްދާއެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި އީރާނުގައި މެތަނޯލް ބޮއެގެން މަރުވި މީހުންގެ އަދަދު ވަނީ 480 އަށް އަރާފައެވެ. އަދި އެ ބުއިމުގެ ސަބަބުން ހާލު ދެރަވެގެން 1000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުންދާއިރު، އޭގެ ސަބަބުން މަރުވާނެ މީހުންގެ އަދަދު އަދި އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މެތަނޯލް ބުއިމަކީ ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް އެގައުމުގެ މީހުން ދެކޭ ގޮތުގައި އޮތް ފަރުވާ އެކެވެ. ފަރުވާ އެއް ކަމަށް މެތަނޯލް ބުއިމުގެ ކޭސްތަކެއް ފެންމަތިވެފައިވާއިރު އީރާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 32،322 އަށްވުރެ މައްޗަށް އަރާފަައެވެ. އަދި ބަލީގައި 2400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެ ބައްޔަށް ފަރުވާއެއް ހޯދުމަށް އެގައުމުގެ މީހުން ކެތް މަދުވެފައި ތިބި އިރު ގިނަ ބަޔަކު ދަނީ މީސްމީޑިއާއިން ފެންނަ ގިނަ ރެމެޑީތަކަކީ ހަގީގަތް ކަމަށް ދެކި އެކަންތައް ކުރަމުންނެވެ. އެގައުމަކީ މުސްލިމް ގައުމަކަށް ވެފައި ރާ ބުއިންވެސް މިހާރުި އާންމު ކަމަކަށް ވާން ކައިރިވެއްޖެ އެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއަށް އެހީތެރިވެދޭ ޑޮކްޓަރަކު އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މެތަނޯލް ބޮއެގެން 480 މީހުން މަރުވެފައިވާއިރު އެ މާއްދާ ބުއިމުގެ ސަބަބުން 2850 މީހެއްގެ ހާލު ދެރެވެގެން ފަރުވާ ދެމުން ދާ ކަމަށެވެ.

"އެހެން ގައުމުތަކަށްވުރެ އީރާނުގެ ހާލަތު މާ ގޯސް، ސަބަބަކީ ބަލީގެ އިތުރުން ބަލިން ސަލާމަތް ވުމުގެ ނަމުގައި މީހުން ބޭނުންކުރާ މާއްދާތަކުގެ ސަބަބުން ބަލިވާ މީހުންނަށްވެސް ފަރުވާ ދޭން ޖެހުން،" އެ ޑޮކްޓަރު ކިޔައިދީފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތު މީހާ

    ޢެންމެ ފަހުވަގުތު ގަވެސް މަގުފުރެދު މަކީ ރަންގަޅު ކަމެއް ކަމަށް ބަ ލާ ރާބޮނީ ތޯ ! ޥަރައް ދެރަ ދެދުނިޔެ ގެއްލުވާ ލަނީ ތޯ ! ކެއްތެރި ކަމާ ނަމާދުން ވާގި އެދެމާ ހިނގާ !