އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދިޔަ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.
އަހަރެއްވެސް ނުފުރޭ މި ތުއްތު ކުއްޖާ މަރުވެފައި ވަނީ ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ޗިކާގޯގެ ހޮސްޕިޓަލެއްގައެވެ. މިކުއްޖާ މަރުވެފައި ވަނީ ވައިރަސް އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް ކަން އެ ސްޓޭޓުގެ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މިއީ އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވި ފުރަތަމަ ތުއްތު ކުއްޖާއެވެ. އަދި މިއީ ކޮވިޑްގެ ތާރީޚުގައި ވެސް މި ބަލީގައި ދުނިޔެއިން މަރުވި ދެވަނަ ކުއްޖާއެވެ. މީގެ ކުރިން މި ވައިރަސް ޖެހިގެން ތުއްތު ކުއްޖަކު މަރުވެފައި ވަނީ ޗައިނާ އިންނެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހިގެން ތުއްތު ކުއްޖަކު މަރުވުމާއި ގުޅިގެން ނޫސްތަކަށް މަޢުލޫމާތު ދެމުން ޗިކާގޯ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުގެ ޑިރެކްޓަރ، ޑރ. ގޮންޒީ ޒައިކް ބުނެފައި ވަނީ، އެކުއްޖާ މަރުވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މިކަމާއި ގުޅޭ ތަހުޤީޤެއް ވެސް މިހާރު ކުރިޔަށްދާ ކަމަށް އޭނާ ބުންޏެވެ.
ޑރ. ގޮންޒީ އިތުރަށް ބުނެފައި ވަނީ މީގެ ކުރިން މިހައި ތުއްތު ކުއްޖަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ވައިރަސްގެ ނުރައްކާ މިހާރު އިތުރު ވެފައިވާ މިންވަރު މިކަމުން ހާމަވާ ކަމަށާއި، މި ވައިރަސް އިން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހައި ކަމެއް އެންމެން ގުޅިގެން ކުރަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް އެމެރިކާއިން ތުއްތު ކުއްޖަކު މަރުވެފައި ވާއިރު، އެޤައުމަކީ މިވަގުތު ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ 199 ޤައުމުގެ ތެރެއިން އެންމެ ގިނަ ބަޔަކު ވައިރަސް އަށް ފައްސިވެފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 120204 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު، އޭގެތެރެއިން 16078 މީހަކު ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ.
އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް ޖުމްލަ 1997 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލީގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 2666 މީހެއްގެ ހާލު ސީރިއަސް އެވެ.
ހެޑްލައިން ލިޔާ އިރު ކޮން ގައުމެއް ކަން ވެސް ޖަހާބަލަ. ހެޑްލައިން ކިޔާލީ މަ އެ ކިޔާ މީހަކު ހުންނާނީ ބިރެއް ގެ ތެރޭގަ. މަގޭ ހިޔާލް
މަވެސް ހީކުރީ ރާއްޖެއިން ކަމަށް