ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ސީރިޔާއިން މީހަކު މަރުވެއްޖެއެވެ.

ސީރިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެގައުމުން މަރުވެފައި ވަނީ އަންހެނެއް ކަމަށާއި އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދެވުނު މަގުމަތީގައި ކަމަށެވެ. އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ސީރިއާއިން ފެނުމާއި ގުޅިގެން އެގައުމުން ވަނީ ރައްކާތެރިވުމުގެ ގޮތުން ސިޓީތަކަށް ދަތުރު ކުރުމާއި މީހުން އެއްވެ އުޅުން މަނާ ކޮށްފައެވެ. އެގައުމުން މިހާތަނަށް މިބަލި ޖެހިގެން 9 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 4 މީހަކީ މިއަދު ފައްސި ވެފައިވާ މީހުންނެވެ. އަދި މިއަދާއި ހަމައަށް އެއްވެސް މީހަކު ރަނގަޅު ވެފައެއް ނުވެއެވެ.

ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 701,833 އަށް އަރާފައިވާއިރު މިއަދާއި ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 33,177 އަށް އަރާފައެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 149,212 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު