މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އެންގޯލާ އިން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެ އެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ދެ މީހެކެވެ. އެކަން ހާމަކޮށްފައި ވަނީ އެ ގައުމުގެ ހެލްތް މިނިސްޓަރ ސްލިވިއާ ލުޓުކުޓާއެވެ. އޭނާ އެކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ވިދާޅުވީ، އެ ދެ މީހުންވެސް މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި، އޭގެ ތެރެެއިން އެކަކީ އުމުރުން 59 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ ޕޯޗުގަލްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި، އޭނާ އެނބުރި އެންގޯލާއަށް އައީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި ދެވަނަ މިހާއަކީ އެ ގައުމަށް މާރިޗް 13 ވަނަ ދުވަހު އައި އެ ގައުމަަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މީހެކެވެ.

އެންގޯލާއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައި ވަނީ މާރިޗް 21 ވަނަދުވަހުއެވެ. އޭގެ ފަހުން ކޭސްތައް ދިޔައީ އިތުރުވަމުންނެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިފައި ވަނީ ހަތް މީހަކަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކު އަދި ރަނގަޅުވެފައެއް ނުވެއެވެ. އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއްވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު