ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު ވެސް 837 މީހުން މަރުވެއްޖެއެވެ.

އެހެންކަމުން މިހާތަނަށް އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 12428 އަށް އަރާފައެވެ. މިއަދު އިޓަލީވިލާތުން އިތުރު 4053 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އިޓަލީވިލާތުން ފައްސިވި މީހުންގެ އަދަދު ވަނީ 105792 އަށް އަރާފައެވެ. މިހާތަނަށް އިޓަލީވިލާތުން 15729 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު އެގައުމުގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 4023 މީހުންގެ ހާލު ސީރިއަސްއެވެ.

މިއަދަކީ އިޓަލީވިލާތުން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު އެގައުމުން މަރުވި މީހުންގެ އަދަދު ފާއިތުވި ދެދުވަހަށް ވުރެ އިތުރެވެ. ނަމަވެސް މިއަދު އިޓަލީވިލާތުން ފައްސިވި މީހުންގެ އަދަދު އިއްޔެއާއި ދާދި އެއްވަރެކެވެ. އިއްޔެ އެގައުމުން ފައްސިވީ 4050 މީހުންނެވެ.

އިއްޔެ އިޓަލީވިލާތުން 812 މީހުން މަރުވިއެވެ. އާދީއްތަ ދުވަހު މަރުވީ 756 މީހުންނެވެ.

އިޓަލީވިލާތުން މިއަދު މަރުވި މީހުންގެ އަދަދު އިތުރުވި ނަމަވެސް ބަލި ޖެހުނު މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ.

އިޓަލީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ޖެހި، ނަމަވެސް ބަލި ޖެހިފައި ކަން ނޭނގި އެތައް ބަޔަކު އެގައުމުގައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ޓެސްޓް ކުރެވޭ ވަރު އިތުރުވަމުންދާ ވަރަކަށް ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ނަމަވެސް އިޓަލީވިލާތުގެ އޮފިޝަލުން މިހާރު އުއްމީދު ކުރަނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާއަށް ފަހު އެގައުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، އަދި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު