ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ސާޅީސްހާހަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު 40643 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައެވެ. މިއަދު އެކަނިވެސް 2875 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

މިހާތަނަށް 823,566 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 174359 މީހުންނެވެ. މިހާރު ކޮވިޑް-19 ޖެހިފައި ތިބީ 608564 މީހުންނަށެވެ. އޭގެ ތެރެއިން 30868 މީހެއްގެ ހާލު ސީރިއަސްއެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައިލައްކަ އާއި ކައިރިވަމުން ދާއިރު މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވަމުންދާ އެއްގައުމަކީ އެމެރިކާ އެވެ. އަދި ސްޕޭނުން މަރުވާ މީހުންގެ އަދަދު ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ނަމަވެސް އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީވިލާތުގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުންދާ ކަމަށް ލަފާކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވާއިރު، މިބައްޔަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދޭތޯ ސައިންސްވެރިންނާއި، ބޭސް އުފައްދާ ކުންފުނިތަކުން ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި ބޭހެއް ނުވަތަ ވެކްސިނެއް އުފެދޭނެ ދުވަހެއް ބުނާކަށް ނޭނގެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ މުހިއްމު ކަމަކީ ވީހާވެސް ގިނަ މީހުން ޓެސްޓް ކުރުމާއި، މީހުން ގޭގައި މަޑުކުރުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ގިނަ ގައުމުތަކުން ގެންދަނީ ސިޓީތަކާއި، އަވަށްތައް ފުރަބަންދު (ލޮކްޑައުން) ކޮށް މީހުން އެއްވެއުޅުން ހުއްޓުވަމުންނެވެ. އެހެންވެ އެފަދަ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވެމުންދާ ގައުމުތަކުގައި ވަރަށް އަވަހަށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު