އިންޑިއާގެ ދިއްލީ ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ފިރިހެން އުމުރުން 35 އަހަރުގެ ޑޮކްޓަރަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވުމާއި ގުޅިގެން އެ ހޮސްޕިޓަލް މިއަދު ބަންދުކޮށްފިއެވެ.

އެ ޑޮކްޓަރަކީ ދިއްލީ ސްޓޭޓް ކެންސަރ އިންސްޓިޓިއުޓްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރަކެވެ. އޭނާއަކީ އެ ހޮސްޕިޓަލްގެ އޮންކޮލޮޖީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.

އޮފިޝަލުން ބުނާގޮތުގައި، އެ ހޮސްޕިޓަލުގެ އިމާރާތުގެ އޯޕީޑީ އޮފީސްތަކާއި، ލޭބްތައް ބަންދުކޮށް އެތަން ތަން މިހާރު ވަނީ ސެނެޓައިޒް ކުރަމުންނެވެ. އަދި އެ ޑޮކްޓަަރާއި ކޮންޓެކްޓްވިކަމަށް ބެލެވޭ މީހުން ދަނީ ކަރަންޓީން ކުރަމުންނެވެ.

މިހާރު އެ ޑޮކްޓަރަށްވެސް ދަނީ ޑރ. ބާބާ ސަހެބް އަމެބްކަރް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އޭނާގެ އަނބިމީހާ އާއި ދަރިފުޅަށްވެސް ދަނީ ލޮކް ނަޔަކް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލާއި ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ އިނގިރޭސިވިލާތުން އެނބުރި އައި އާއިލާ މީހެއްގެ ފަރާތުންނެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ޑޮކްޓަރަށް ކޮވިޑް-19 ޖެހުނީ ދާދި ފަހުން އިނގިރޭސިވިލާތުން އައި އޭނާގެ ބޭބެ އާއި ބޭބެ އަންހެނުންގެ ފަރާތުން، އޭނާ ވަނީ އެ މީހުންގެ ގެއަށް ޒިޔާރަތްކޮށްފައި". ދިއްލީ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް އެ ގައުމުން އިތުރު ޑޮކްޓަރުން ތަކެއްވެސް ވަނީ ފައްސިވެފައެވެ.

ދިއްލީން މިހާރަނަށް 120 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވެފައިވާއިރު، އިއްޔެ އެކަނިވެސް 24 މީހަަކު އެ ބައްޔަށް ފައްސިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު