މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮވިޑް-19 ވައިރަސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ހުރިހައި ހިސާބަކަށް ފެތުރިފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ނިއުޔޯކް ސިޓީގެ ގަވަރނަރ އެ ގައުމުގެ އެހެން ސްޓޭޓުތަކަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އެމެރިކާގައި އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ސިޓީގެ ގަވަރނަރ އެންޑްރިއޯ ކިއުމޯ އެ ގައުމުގެ ބާކީ އޮތް 49 ސްޓޭޓަށް އިންޒާރު ދެމުން ބުނެފައި ވަނީ ކޮވިޑް-19 ވައިރަސް އާއި މެދު ސީރިއަސް ނުވެ، އަތް އުރާލައިގެން ތިބެން ވެއްޖެނަމަ މާދަމާ އެ ސްޓޭޓުތައްވެސް އޮންނާނީ ނިއުޔޯކާއި އެއް ހާލަތެއްގައި ނުވަތަ އެއަށް ވުރެންވެސް ނުބައި ހާލެއްގައި ކަމަށެވެ.

ނިއުޔޯކުގައި މިހައިތަނަށް 83،712 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، މީގެ 24 ގަޑިއިރު ކުރިން އެ އަދަދު ހުރީ 75،795 ގައެވެ. އެ ސިޓީ އިން މިހައިތަނަށް ވައިރަހުގެ ޝިކާރައަކަށްވެ 1،941 މީހުން މަރުވެފައިވާއިރު އިއްޔެ އެ އަދަދު ހުރީ 1،550ގައެވެ.

ނިއުޔޯކުގެ ހާލަތު މިހައި ގޯސްވުމުގެ ކުރިން ގަވަރނަރ އެންޑްރިއޯ ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސިޓީގެ ހާލަތު ގޯސްވާނެ ކަމަށާއި އެހެންކަމުން 30،000 ވެންޓިލޭޓަރު އެ ސިޓީ އަށް މައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ނިއުޔޯކުގެ މަގުތައް ފަޅުވެފައި

ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާއި ގުޅިގެން ބުނެފައި ވަނީ އެންޑްރިއޯ އެކަމަށް އެދުނު ގޮތް ކަމުނުދާ ކަމަށާއި އަދި މައި ސަރުކާރަަށް އިޙްތިރާމް ނުކުރާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އެހެން ބުނެ ޓްރަމްޕް ނިއުޔޯކަށް ފޮނުވާފައި ވަނީ އެންމެ 400 ވެންޓިލޭޓަރެވެ.

މިކަމާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ބުނަމުން ދަނީ އެތައް ބައެއްގެ ފުރާނަ ޝާމިލްވާ މިކަމުގައިވެސް ޓްރަމްޕް އަމަލުކުރަމުން ގެންދަނީ ކުޑަކުއްޖެއް ހެން ކަމަށާއި، މިއީ ޒާތީ ވާންވީ ދަނޑިވަޅެއް ނޫން ކަމަށެވެ. މިހާރު މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން އަންނަނީ އެމެރިކާ އިން ކަމުގައިވާއިރު މިހައިތަނަށް އެ ގައުމުން 2 ލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން ފައްސިވެ، 4،123 މީހުން ވަނީ މަރުވެފައެވެ.

މީގެ ހަފްތާ އެއް ކުރިން އެމެރިކާގެ ހާލަތު މިހައި ގޯސް ނުވާއިރު ޓްރަމްޕް ބުނެފައި ވަނީ ވައިރަސް ޖާދުލެއްހެން ހުއްޓޭނެ ކަމަށާއި އަދި މި މަހުގެ 12ވަނަ ދުވަހު އެމެރިކާ އާއްމު ހާލަތަށް ގެނެސް، ވިޔަފާރިތައްވެސް ފެށޭނެ ކަމަށެވެ. ނަމަވެސް ހާލަތު ގޯސްވުމުން ޓްރަމްޕް ވަނީ މި މަހުގެ 30އާއި ހަމައަށް އާއްމުން ގެތަކުގައި ތިބުމަށް ގޮވާލައި އޭނާގެ ރާގު ބަދަލުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.