ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން އަންނަ އިޓަލީވިލާތުން މިއަދު ވެސް އިތުރު 727 މީހުން މަރުވެއްޖެއެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

ނަމަވެސް މިއަދު ވަނީ ފާއިތުވި ދެދުވަހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއަދު 4782 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ހޯމަ ދުވަހު 4050 މީހުން ފައްސިވިއިރު ބުދަ ދުވަހު ފައްސިވީ 4053 މީހުންނެވެ.

މިހާތަނަށް އިޓަލީވިލާތުން 110574 މީހުން ވަނީ ފައްސިވެފައެވެ. އަދި އޭގެ ތެރެއިން 13155 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 16847 މީހުންނެވެ.

މިއަދު މަރުވި މީހުންގެ އަދަދު މަދުވި އިރު ސީރިއަސް ހާލަތަކަށް ގޮސްގެން އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު ވަނީ ދާދިއެއް ވަރެއްގައި ހިފެހެއްޓިފައެވެ. އިއްޔެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔައީ 4023 މީހުންނަށެވެ. މިއަދު އައިސީޔޫގައި ފަރުވާ ދެމުން ގެންދަނީ 4035 މީހުންނަށެވެ.

މިއަދު މަރުވި މީހުންގެ އަދަދު މަދުވި ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ހާމަކުރި ނަމަވެސް ބައެއް މީޑިއާތަކުން ގެންދަނީ އެކަމާއި ގުޅިގެން ސުވާލު އުފައްދަމުންނެވެ. ސުވާލު އުފައްދާ މީޑިއާތަކުން ބުނާ ގޮތުގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުގައި މަރުވި މީހުންގެ އަދަދު ސަރުކާރުން އިއުލާން ކޮށްފައެއް ނުވެއެވެ. އަދި ކޮވިޑް-19 އަށް ޓެސްޓް ނުކުރާ އެތައް ބަޔަކު ވެސް އަލާމާތްތައް ފެނުމަށް ފަހު މަރުވެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އަދި ބައެއް ސިޓީތަކުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރިޕޯޓް ކުރިނަމަވެސް ސަރުކާރުގެ ރަސްމީ ހިސާބުތަކުން އެއަދަދުތައް ނުފެންނަ ކަމަށް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު