ކޮވިޑް-19 ޖެހިގެން އިތިިއޯޕިއާ އިންނާއި ހެއިޓީއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އިތިއޯޕިއާއިން މި ބަލީގައި ދެމީހުން މަރުވެފައިވާއިރު، ހެއިޓީންވެސް މި ބަލި ޖެހިގެން މިވަނީ މީހަކު މަރުވެފައެވެ. މިއީ މި ދެގައުމުންވެސް މި ބަލީގައި މީހުން މަރުވި ފުރަތަމަ ފަހަރެވެ.

އިތިއޯޕިއާއިން މިހާތަނަށް ޖުމްލަ 43 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފައްސިވި މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހެއިޓީން މިހާތަނަށް 21 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން އެކަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެގައުމުން ބަލި ޖެހުނު މިހުންގެ ތެރެއިން ސީރިއަށް ހާލަތުގައި އެއްވެސް މީހަކު ނެތެވެ.

މި ދެ ގައުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަގީރު ދެ ގައުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް ކޮވިޑް-19 ބާރަށް ފެތުރެމުންދާއިރު، މިހާތަނަށް މުޅި ދުނިޔެއިން ޖުމްލަ 1,262,320 މީހަކު މި ބައްޔަށް ފައްސިވެފައިވެއެވެ. އޭގެތެރެއިން 68,502 މީހަކު މަރުވެފައިވާއިރު، 260,338 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.