ކޮވިޑް-19 އަދިވެސް ހަލުވިކަމާއި އެކު ގިނަ ގައުމުތަކުގައި ފެތުރެމުން ދިޔަ ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދާއި، މަރުވި މީހުންގެ އަދަދު މަދުވެއްޖެއެވެ.

ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އަކީ ކޮވިޑް-19 ޖެހިގެން ފާއިތުވި ފަސް ދުވަސް ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އިއްޔެ މަރުވެފައި ވަނީ 4737 މީހުންނެވެ. މަރުވި މީހުންގެ އަދަދު އިއްޔެ މަދުވެފައި ވަނީ އެންމެ ގިނައިން މީހުން މަރުވަމުން އައީ އިޓަލީވިލާތް، ސްޕޭން، ފްރާންސް އަދި އެމެރިކާ އިން ވެސް އިއްޔެ މަރުވި މީހުންގެ އަދަދު އޭގެ ކުރީ ދުވަހަށް ވުރެ މަދު ވެފައި ވުމުންނެވެ.

އިއްޔެ އަލަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު ވެސް އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު މަދެވެ. އިއްޔެ ފައްސިވީ 71379 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ހަ ދުވަސް ތެރޭގައި އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ. ހޮނިހިރު ދުވަހު 82791 މީހަކު ފައްސިވިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 1274938 އަށް އަރާފައެވެ. އޭގެތެރެއިން 69498 މީހުން މިހާރު ވަނީ މަރުވެފައެވެ. ބަލިން އަދި ރަނގަޅުވީ 265883 މީހުންނެވެ.

އެންމެ ބާރަށް މިހާރު ބަލި ފެތުރެމުންދާ އެމެރިކާގައި އިއްޔެ ފައްސިވި މީހުންގެ އަދަދު ހޮނިހިރު ދުވަހާއި ބަލާއިރު ދިހަ ވަރަކަށް ހާސް މަދެވެ. އެމެރިކާ އިން އިއްޔެ ފައްސިވީ 25316 މީހުންނެވެ. ހޮނިހިރު ދުވަހު އެގައުމުން 34196 މީހުން ފައްސިވިއެވެ. ނަމަވެސް އަދި އެމެރިކާގެ ހާލަތު ރަނގަޅުވާން ފެށީ ކަމަށް ބުނަން މާއަވަސް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާ ސަރުކާރުން ވެސް ތަކުރާރުކޮށް ބުނަމުން ގެންދަނީ ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަސް ވެގެން ދާނީ އެމެރިކާ އަށް ވަރަށް ނުރައްކާތެރި ދެހަފްތާ ކަމަށެވެ. ގިނަ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ އޭޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު އެވެ.

ބައެއް ގައުމުތަކުން ކޮވިޑް-19 އިއްޔެ ޖެހުނު މީހުންގެ އަދަދު މަދުވި ނަމަވެސް އާބާދީ ބޮޑު އިންޑިއާގެ ހާލަތާއި މެދު ދުނިޔޭގެ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާ އިން ފައްސިވި މީހުންގެ އަދަދު 4000 ފަހަނައަޅައި މިހާރު ގޮސްފައި ވާއިރު އިންޑިއާގައި ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރެމުން ދިއުމަކީ އެތައް ހާސް ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި މަރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އަށް އިއްޔެ ފައްސިވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް އެއީ އަދި ބަލީގެ ނުރައްކާ ކުޑަވުން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، ބަލި ކޮންޓްރޯލް ވެއްޖެ ކަމަށް ބެލެވޭނީ ދެހަފްތާ ދުވަސް ވަންދެން ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދިއުމުން ކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދައިތަ

    އަލްޙަމްދު ލިﷲ.