ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ އަދަދު ދިހަހާހަށް އަރައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 10327 މީހުން މިހާތަނަށް އެމެރިކާ އިން ވަނީ މަރުވެފައެވެ. އެމެރިކާ އިން މިއަދު ވަނީ 693 މީހަކު މަރުވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނިއުޔޯކުންނެވެ. ހަމައެކަނި ނިއުޔޯކުން ވަނީ 4758 މީހަކު ވަނީ މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނިއުޖާޒީންނެވެ. ނިއުޖާޒީން 917 މީހަކު މަރުވެފައި ވެއެވެ. މިޝިގަން އިން 617 މީހަކު އަދި ލޫޒިއާނާ އިން 477 މީހަކު މަރުވެފައެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 349992 އަށް އަރާފައެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ހާލަތު އެންމެ ގޯސްވެފައިވާ ނިއުޔޯކްގެ ހޮސްޕިޓަލްތައް ފުރި، ވެންޓިލޭޓަރުތައް ހުސްވެ، އެކަށީގެންވާ ސިއްހީ ފަރުވާއެއް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތައް ދިމާވަމުން ދިއުމެވެ.

އެމެރިކާ ސަރުކާރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ކުރިއަށް އޮތީ އެމެރިކާ އަށް ދަތި ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އިން ގިނަ ބަޔަކު މަރުވެގެން ދާނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ވަރަށް އަވަހަށް ކޮވިޑް-19 އަށް ބޭހެއް ހޯދާށެވެ. ވީއެންމެ އަވަހަކަށް ބޭހެއް އުފައްދާ ބޭނުން ކުރަން ފެށިގެން ނޫން ގޮތަކަށް ފަސޭހައިން މިކަމުން އަރައި ނުގަނެވޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ.

އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވުމުން މިއަދު އެމެރިކާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވަނީ އިއްޔެ އަށްވުރެ 05 އިންސައްތަ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު