ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހަލުވިކަމާއި އެކު ނުރައްކާތެރި ވައިރަސް ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އިންޑިއާގައި އިއުލާން ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) ގެ މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް އެ ގައުމުގެ ނައިބު ރަައީސް ވެންކައިއ ނައިޑޫ ވިދާޅުވެއްޖެއެވެ.

މި މަހުގެ 15ވަނަ ދުވަހާއި ހަމައަށް ޖުމްލަ 3 ހަފްތާގެ މުއްދަތަށް މުޅި އިންޑިއާ ފުރަބަންދު ކޮށްފައިވީ ނަމަވެސް ނައިޑޫ ވިދާޅުވީ މިހާރު ކަންކަން ދާގޮތުން ފުރަބަންދުގެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފުރަބަންދުގައި އިންޑިއާ އޮތުމުން އެ ގައުމުގެ އިގްތިސާދަށް ދުވާލެއްގެ މައްޗައް 4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވަމުންދާއިރު ނައިޑޫ ވިދާޅުވެފައި ވަނީ މިވަގުތު އޮތީ ދެގޮތް ކަމަށާއި އެއީ ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުން ނުވަތަ ގައުމުގެ އިގްތިސާދު އިސްކުރުން ކަމަށާއި އެތަނުން ސަރުކާރަށް މުހިއްމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

”މިހާރު އެންމެ ގަދައަށް ބަހުސް ކުރެވެނީ ގަައުމުގެ އިގްތިސާދާއި ރައްޔިތުންގެ ރައްކާތެރިކަމާއި މެދު. އެތަނުން ކޮންމެ ގޮތެއް ވިއަސް މުހިއްމު ވާނީ ރައްޔިތުންގެ ރައްކާތެރިކަން. އަހަރެން ގަބޫލުކުރަ ގޮތުގައި އިގްތިސާދު ފަހުންވެސް ރަނގަޅު ކުރެވިދާނެ. އެކަމަކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން ނުވާނެ“ ނައިޑޫ ވިދާޅުވެފައިވެއެވެ.

ޗައިނާ އަށް ފަހުގައި ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިއާގައި ކޮވިޑް-19 ވަައިރަސް އަށް 4،000އާއި ގާތް ކުރާ އަދަދަކަށް މީހުން ފައްސި (ޕޮސިޓިވް) ވެފައިވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 100ށް ވުރެން ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު