މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 936 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުގައި އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު މަރުވުމުން، މިއީ އެ ގައުމުގައި ރެކޯޑެކެވެ. މީގެ ކުރިން އެ ގައުމުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެ އެވެ. އެއީ 786 މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެންއެޗްއެސް އިންގްލޭންޑުން ރިޕޯޓްކޮށްފައިވާގޮތުން 24 ގަޑިއިރު ތެރޭގައި އެ އެތަނުން 828 މީހަކު ވަނީ މަރުވެފައެވެ. އަދި 108 މީހަކު މަރުވެެފައި ވަނީ ސްކޮޓްލޭންޑާއި، ވޭލްސް، އާއި އަޔަލޭންޑުން ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، އިންގްލޭންޑުގައި މަރުވި 828 މީހުންނަކީ އުމުރުން 22 އަހަރާއި 103 އަހަރާއި ދެމެދުގެ މީހުން ކަމަށްވެސް ބުނެފައި ވެއެވެ.

އެ ގައުމުގައި އިއްޔެއަށްވުރެ މިއަދު މަރުވި މީހުންގެ އަދަދު މި ވަނީ އިތުރު ވެފައެވެ.

އަދި މިއީ މިހާތަނަށް އެއް ދުވަސް ތެރޭގައި 900 އަށްވުރެ ގިނަ މީހުން މަރުވި ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން އީޓަލީ ސްޕެއިން، އަދި އެމެރިކާއިން ވަނީ އެއް ދުވަސް ތެރޭގައި 900 އަށްވުރެގިނަ މީހުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު